ޚަބަރު

ތިލަފުށީގައި ބިދޭސީއަކު މަރުވީ އެކްސްކަވޭޓަރުން ޖެހި ގެން: ފުލުހުން

ތިލަފުށީ ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވީ، މިދިޔަ ހޯމަ ދުވަހުގެ މެންދުރު ކުނިތައް އެކްސްކަވޭޓަރަކުން ނަގަނިކޮށް އެ އުޅަނދުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކެއް އޭނާގެ ހަށިގަނޑަށް އެޅިގެން ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން އެކްސްކަވޭޓަރު ދުއްވަން އިން ސްރީ ލަންކާގެ ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އަމީން މިއާ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އޭނާގެ ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވި، ކުނިތައް ގައިމައްޗަށް އެޅުނީ ކަމަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ. ނަމަވެސް އެއީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރަށް އެނގިގެން ހިނގި ހާދިސާއެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެއެވެ.

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނަސް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މިކަމުގެ ސަބަބުން މިހާރު ހައްޔަރުކޮށްފައިވާ ޑްރައިވަރު މި ހާދިސާގައި ބައިވެރިވެފައިވާ މިންވަރު ބެލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އަމީން މިއާ ގެއްލިފައިވާ ކަމަށް އޭނާގެ ރަހްމަތްތެރިން ފުލުހުންނަށް ރިޕޯޓްކުރީ ހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު، މިދިޔަ އަންގާރަ ދުވަހުގައެވެ. އޭގެފަހުން ކުރެވުނު ހޯދުމުގެ މަސައްކަތުގައި، މިދިޔަ ބުދަ ދުވަހު އޭނާ މަރުވެފައި އޮއްވައި ކުނިތަކުގެ ތެރެއިން ފެނުނީއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close