އަދާލަތު ޕާޓީގެ އައު ރައީސަކަށް މުޙައްމަދު ޝިފާން އިންތިޚާބުކޮށްފި

އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް މުޙައްމަދު ޝިފާން މިއަދު އިންތިޚާބުކޮށްފިއެވެ.
“ފަހި ވޯޓު” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްދިޔަ މި އިންތިޚާބުގައި ޝިފާން ރައީސް ކަމަށް އިންތިޚާބުވީ ވޯޓުލީ މީހުންގެ 99 އިންސައްތަ ވޯޓާއެކުގައެވެ. އޭނާގެ ނައިބަކަށް އިންތިޚާބުވީ ޝައިޚް ޢަބްދުﷲ ރަޝީދެވެ.
މި އިންތިޚާބުގައި ޝިފާންއާ ވާދަކުރެއްވި އަލްއުސްތާޛު އިކްރާމް ޢަބްދުއްސައްތާރަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ އެންމެ އިންސައްތައެކެވެ. އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ނުދާ ކަމަށާއި އީ-ވޯޓިން ނިޒާމަށް އިތުބާރު ނެތް ކަމަށް ބުނެ އިކްރާމް ވަނީ އިންތިޚާބު ބޮއިކޮޓް ކުރައްވާފައެވެ. އަށް ހާހެއްހައި މެންބަރުން ތިބޭ އެ ޕާޓީގެ އިންތިޚާބުގައި މިއަދު ވޯޓުލާފައިވަނީ މެންބަރުންގެ 22 އިންސައްތައެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޕާޓީގެ މިހާރުގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ ވަނީ އިންތިޚާބުވި އައު ލީޑަރޝިޕަށް މަރުޙަބާ ދަންނަވައި، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

