ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން، ފަސްވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި މިއަދު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޓަވަރުގެ 24 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައެވެ.
މި ހާދިސާއާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އަލިފާން ރޯވި އެޕާޓްމެންޓުން ވަރަށް ބޯކޮށް ކަޅު ދުން އަރަމުންދެއެވެ. އަދި ދުމުގެ ވަސް ތިރީ ފަންގިފިލާތަކަށް ފެތުރިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޓަވަރުގެ މަތީ ފަންގިފިލާތަކުގައި ތިބި މީހުން މިހާރު ދަނީ އިމާރާތުން ފައިބަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ހިޔާ ޓަވަރު 5 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުމާއެކު، ފަޔާ އެންޑް ރެސްކިއު ސާވިސަސްގެ ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...