ތަޢުލީމީ ސިޔާސަތު ހަރުދަނާކޮށް، އުންމަތް ބިނާކުރުމުގެ މުހިންމުކަން ހުކުރު ޚުތުބާގައި ފާހަގަކޮށްފި

ތަޢުލީމީ ސިޔާސަތު ހަރުދަނާކޮށް، އުންމަތް ބިނާކުރުމުގެ މުހިންމުކަން ހުކުރު ޚުތުބާގައި ފާހަގަކޮށްފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ، ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް ހަރުދަނާކުރާއިރު، ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ކަމާބެހޭ އިދާރާތަކުގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށް ބުނެފައެވެ. “ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!” މި މައުޟޫއަށް ބިނާކޮށް ދެއްވި ޚުތުބާގައި، ދީނީ އަދި ދުނިޔަވީ ޢިލްމަށް މާހިރު، އިޚުލާޞްތެރި އަދި ޤައުމީ މަޞްލަޙަތު އިސްކުރާ ޖީލެއް ބިނާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
ޚުތުބާގައި ބުނެފައިވަނީ، ތަޢުލީމީ މަންހަޖުތަކާއި މުޤައްރަރުތައް ބިނާކުރަންވާނީ އިލާހީ މަންހަޖާ އެއްގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމުގެ ބަދަލުގައި، އެ ކުދިންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ވަށައިޖެހޭ ތަޢުލީމަކަށް ވާންޖެހޭނެ ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
މުދައްރިސުންގެ ދައުރާ ގުޅޭގޮތުން ޚުތުބާގައި ވަނީ، މުދައްރިސުންނަކީ ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށްދޭ މޭސްތިރިން ކަމަށް ބުނެފައެވެ. އެހެންކަމުން، ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައިވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް އެކަންކަން ފެއްތުމަކީ މުދައްރިސުންގެ ބޮޑު އަމާނާތެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ބެލެނިވެރިންނަށް އިލްތިމާސްކުރަމުން ޚުތުބާގައި ބުނީ، ދަރިން މަދަރުސާއަށް ފޮނުވުމުން ޒިންމާ ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެކުދިންނަށް ހިތްވަރުދީ، ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިވާ ގާތް އެކުވެރިއަކަށް ބެލެނިވެރިން ވާންޖެހޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން ޚުތުބާގައި ވަނީ، އުނގެނުމުގެ މަގަކީ ބުރަ މަސައްކަތެއް ނަމަވެސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއް ކަމަށް ބުނެފައެވެ. އެހެންކަމުން މުދައްރިސުންނަށް އިޙުތިރާމުކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޢަޒުމާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ވަނީ ގޮވައިލާފައެވެ.
ޚުތުބާ ނިންމާލަމުން ވަނީ، އުންމަތް މިއަދު ބޭނުންވަނީ ދީނީ އަދި ދުންޔަވީ ޢިލްމަށް މާހިރު، އިޚުލާޞްތެރި، އަދި ޤައުމީ މަޞްލަޙަތު އިސްކުރާނެ ޖީލެއް ކަމަށް ބުނެފައެވެ. މިފަދަ ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެއްކަންވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
