އައިފޯނަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެ، އެޕަލްގެ އާމްދަނީއަށް އާ ރެކޯޑެއް

އެޕަލް ކުންފުނީގެ ވިޔަފާރީގެ މި މާލީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އައިފޯނަށް އޮތް ތަރުހީބު “ހައިރާންވާހާ ބޮޑު” ކަމަށް އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެއެވެ.
މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ކުއާޓަރުގައި އެޕަލްއިން ވަނީ އައިފޯން ވިއްކައިގެން 85.27 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މިއީ ވޯލް ސްޓްރީޓްގެ މާހިރުން ލަފާކުރި 78.65 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެކެވެ. މީގެ އިތުރުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ.
އައިފޯންގެ ވިޔަފާރި މިހާ ބޮޑަށް ކުރިއަރާފައިވަނީ އަލަށް ނެރުނު އައިފޯން 17 ސީރީޒްއަށް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެންނެވެ. ޚާއްޞަކޮށް އައިފޯން 17 ގެ ބޭސް މޮޑެލްގައި ހިމެނި 120Hz ޕްރޯމޯޝަން ޑިސްޕްލޭ އާއި 48 މެގަޕިކްސެލްގެ ކެމެރާއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަދަލުތަކެކެވެ.
ކާމިޔާބު ކުއާޓަރެއްގެ ތަފްސީލު:
- މުޅި އާމްދަނީ: 143.8 ބިލިއަން ޑޮލަރު (16 އިންސައްތަ އިތުރުވުމެއް).
- ސާފު ފައިދާ: 42.1 ބިލިއަން ޑޮލަރު.
- އައިޕޭޑް: 8.60 ބިލިއަން ޑޮލަރުގެ ވިޔަފާރިއާއެކު 6.3 އިންސައްތައިގެ ކުރިއެރުމެއް.
- ސަރވިސަސް: 30.01 ބިލިއަން ޑޮލަރުގެ އާމްދަނީއެއް (14 އިންސައްތަ އިތުރުވުމެއް).
- ޗައިނާގެ މާކެޓް: ޗައިނާގައި އެޕަލްގެ ވިޔަފާރި ވަނީ 37.88 އިންސައްތަ ކުރިއަރާފައެވެ.
ޓިމް ކުކް ވިދާޅުވި ގޮތުގައި ޗައިނާގައި ކުރިން އައިފޯން ބޭނުންކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އާ މޮޑެލްތަކަށް ބަދަލުވެފައެވެ. އަދި އެހެން ބްރޭންޑްތަކުން އައިފޯނަށް ބަދަލުވި މީހުންގެ އަދަދުވެސް ވަނީ ދެގުނަ އިތުރުވެފައެވެ.
އެޕަލްގެ ކުރިމަގަށް ބަލާއިރު، އަންނަ މަހު ނެރޭ އައިއޯއެސް 26.4 (iOS 26.4) ބީޓާ ވަޝަންއާއެކު “ސިރީ” އަށް އޭއައި (AI) ގެ ބޮޑު ބަދަލެއް އަންނާނެއެވެ. މި ބަދަލު ގެނައުމަށް އެޕަލްއިން ވަނީ ގޫގުލްގެ “ޖެމިނައި” (Gemini) އޭއައި މޮޑެލް ބޭނުންކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު 2.5 ބިލިއަން އެޕަލް ޑިވައިސް ބޭނުންކުރަމުންދާކަން ފާހަގަކުރައްވަމުން ކުކް ވިދާޅުވީ، މިއީ އެ ކުންފުނީގެ އުފެއްދުންތަކަށް ކަސްޓަމަރުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ. މި ޚަބަރާއެކު އެޕަލްގެ ހިއްސާގެ އަގުވެސް ވަނީ 260.05 ޑޮލަރަށް އުފުލިފައެވެ.
