ދީން

އެކުވެރިންނަށް މުހިންމު ނަޞޭޙަތެއް!

އެކުވެރިންނޭވެ! ތިޔަ އެކުވެރިންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން ބައްދަލުކުރަން މިވަނީ މަދު ދުވަސްކޮޅަކަށް ވެފައެވެ. މި މާތް މައްސަރަށްޓަކައި ގޭތެރެއާއި، ބަދިގެއާއި، ކާގެތަކުގެ އިތުރުން އަޅުކަންކުރާ މިސްކިތްތަކާއި ރަށުތެރެ ޒީނަތްތެރިކޮށް، ތައްޔާރީތައް މިވަނީ ނިމިފައެވެ.

އެކުވެރިންނޭވެ! ކުޑަކޮށް ވިސްނާލަމާ ހިނގާށެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު އަޅުގަނޑުމެންނާއެކު ރޯދަހިފި އެތައް އަޚުންނާއި އުޚުތުންނެއް މިއަދު އަޅުގަނޑުމެންނާ ވަކިވެއްޖެއެވެ. އެ ބޭފުޅުން މިއަދު ވަނީ މާތް ﷲ ގެ ޙަޟްރަތަށް ދަތުރުކޮށްފައެވެ. މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވެ، ރޯދަ ހިފުމުގެ ނަސީބު ލިބޭނެކަމުގެ ޔަޤީންކަމެއް އަޅުގަނޑުމެން އެކަކަށްވެސް ނެތެވެ. މަރަކީ ކޮންމެ ވަގުތަކުވެސް ބައްދަލުކޮށްފާނެ އެއްޗެކެވެ.

އެކުވެރިންނޭވެ! މަރުވާނެ ވަގުތާއި، ތަނާއި، ޙާލަތެއް އެނގެނީ ހަމައެކަނި މާތް ﷲ އަށެވެ. އެހެންކަމުން، މި ބަރަކާތްތެރި މައްސަރާ ބައްދަލުކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ، އެއީ އަޅުގަނޑުމެންގެ ފާފަތައް ފުއްސެވުމަށް ލިބޭ ރަންގަނޑެއް ފަދަ ފުރުޞަތެކެވެ. އިންސާނުންނަށް ވީތީ ކުރެވިފައިވާ ފާފަތަކަށް ތައުބާވުމަށް އަވަސްވެގަންނާށެވެ.

އެކުވެރިންނޭވެ! ދުނިޔޭގެ އެކިއެކި ކަންކަމުގައި މަސްޣޫލުވެ، ފަރުޟު ނަމާދުތަކަށް ފަރުވާކުޑަކުރެވޭ މިންވަރަށް ބިޒީވުމަކީ ހިތާމަހުރި ކަމެކެވެ. މިއީ އާޚިރަތް ދުވަހުން ބިރުވެތިވާންޖެހޭނެ ކަމެކެވެ. ދުނިޔޭގެ ކަންކަމަށް ވަގުތު ހޯދާ ފަދައިން، މާތް ﷲ އަށް އަޅުކަންކުރުމަށްޓަކައި ޚާއްޞަ ތާވަލެއް އެކުލަވާލާށެވެ. މުނިފޫހިފިލުވުމުގެ ކުރިން، ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށް އިސްކަންދޭށެވެ.

އެކުވެރިންނޭވެ! އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންނަށް މިއަދު ހީވެފައި އޮންނަނީ ސޯޝަލް މީޑިއާގައި ދީނީ ޕޯސްޓަކަށް “ލައިކް” އެއް ދިނުމުން ނުވަތަ “ޝެއަރ” ކޮށްލުމުން އަޅުކަން ފުރިހަމަވީ ކަމަށެވެ. މިއީ ހިތާމަހުރި ކަމެކެވެ. ނަމަވެސް މާޔޫސްނުވާށެވެ! އިޞްލާޙުވާން ބޭނުންވާ ކޮންމެ މީހަކަށްމެ ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ. އިޚްލާޞްތެރިކަމާއެކު މާތް ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާށެވެ.

އެކުވެރިންނޭވެ! މި ބަރަކާތްތެރި މައްސަރުގައި ސޯޝަލް މީޑިއާއާ ދުރުހެލިވެ، ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާކުރުމުގައި ވަގުތުތައް ހޭދަކުރުމަށް ޢަޒުމް ކަނޑައަޅާށެވެ. އަދި މި ފަށާ ހެޔޮ އަމަލުތައް ރަމަޟާން މަސް ނިމުމުންވެސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާށެވެ. މާތް ﷲ އީ ހަމައެކަނި ރަމަޟާން މަހުގެ ކަލާނގެއެއް ނޫނެވެ. އެކަލާނގެއީ ހުރިހާ ވަގުތެއްގައިވެސް އަޅުގަނޑުމެންގެ އަމަލުތައް ބައްލަވާވޮޑިގެންވާ އިލާހެވެ.

އެކުވެރިންނޭވެ! އަޅުގަނޑުގެ ނަޞޭޙަތަކީ އަބަދުގެ އަބަދަށް މާތް ﷲ އަށް ބިރުވެތިވާ، ދީންވެރި ބަޔަކަށް ވުމެވެ. މީސްތަކުންގެ މަލާމާތަށް ބެލުމެއްނެތި، ދީނުގެ މަގުގައި ސާބިތުވެ ތިބޭށެވެ.

ޔާ ﷲ! އަޅުގަނޑުމެންނަށް މި ބަރަކާތްތެރި މައްސަރާ ބައްދަލުކޮށް، އެންމެ ފުރިހަމަ ގޮތުގައި އަޅުކަން ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި އަޅުގަނޑުމެންނަކީ ހެޔޮބަސް އަހައި، އެއަށް އަމަލުކުރާ ބަޔަކު ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތީގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތުކޮށްދެއްވާށިއެވެ. އާމީން!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close