ބޭރުދުނިޔެ

ޔޫކްރެއިންގެ 1000 ސިފައިންގެ ހަށިގަނޑު ހަވާލުކޮށްފި

ހަތަރު އަހަރާ ގާތްވަމުންދާ ހަނގުރާމައިގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ރަޝިޔާއާއެކު އެންމެ ފަހުން ބަދަލުކުރި ހަނގުރާމައިގައި މަރުވި މީހުންގެ ހަށިތަކުގެ ތެރެއިން 1،000 ސިފައިންގެ ހަށިގަނޑު ލިބިފައިވާ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

މިއީ ހަނގުރާމައިގެ ކުރީކޮޅު އެއްބަސްވެފައިވާ ގޮތުގެ މަތިން، ހަނގުރާމައިގެ މައިދާނުގައި މަރުވާ މީހުންގެ އާއިލާތަކަށް އެމީހުން ވަޅުލުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ބުނެ، މި ބަދަލުކުރުން ބުރާސްފަތި ދުވަހު ރަޝިޔާ އާއި ޔޫކްރެއިނުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކްރެމްލިންގެ އެހީތެރިއެއް ކަމަށްވާ ވްލަޑިމިއަރ މެޑިންސްކީ ވިދާޅުވި ގޮތުގައި، “އިސްތަންބޫލް އެއްބަސްވުންތަކުގެ ދަށުން ޔޫކްރެއިނުގެ 1،000 ސިފައިންގެ ހަށިގަނޑު ވަނީ އެ ގައުމާ ހަވާލުކޮށްފައެވެ.” އަދި މީގެ އިތުރުން ރަޝިޔާގެ 38 ސިފައިންގެ ހަށިގަނޑު އެ ގައުމާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ‘ކޯޑިނޭޝަން ހެޑްކުއާޓާރސް ފޯ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނާސް އޮފް ވޯ’ އިން ނެރުނު ބަޔާނެއްގައި، ހަށިތައް ހަވާލުކުރުމުގެ ކަންކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ، މިއަދު ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން 1،000 ހަށިގަނޑު ޔޫކްރެއިނަށް އަނބުރާ ގެނެވިފައިވާ ކަމަށެވެ.

ފެބްރުއަރީ 2022 ގައި ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ ފެށި ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މި ބަދަލުކުރުންތައް ކުރިއަށް މިދަނީ ފިނި މޫސުން ގަދަވެ އާންމުންގެ ހާލަތު އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ފިނިހޫނުމިން މައިނަސް 30 ޑިގްރީ ސެލްސިއަސްއަށް ވެއްޓިދާނެ ކަމަށް ޔޫކްރެއިންގެ މޫސުމާ ބެހޭ އިދާރާއިން ބުރާސްފަތި ދުވަހު ވަނީ އިންޒާރު ދީފައެވެ. މީގެ ސަބަބުން، ރަޝިޔާއިން އެ ގައުމުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ނޭދެވޭ އަސަރު އިތުރަށް ބޮޑުވެގެންދާނެއެވެ.

ޔޫކްރެއިންގެ ހައިޑްރޯމީޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކުރި ގޮތުގައި، ފެބްރުއަރީ މަހުގެ 1 އިން 3 އަށް އެންމެ ބޮޑަށް ފިނިގަދަވާނެ ކަމަށް ބެލެވެއެވެ. މިއާއެކު، ރަޝިޔާގެ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން މިހާރުވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަރަންޓާއި ހޫނުކަން ފޯރުކޮށްދޭ ނިޒާމުތަކަށް އިތުރު ބުރައެއް ކުރިމަތިވެދާނެތީ ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close