ޚަބަރު

ކުރިއަށް އޮތް ދެ ދުވަހު ވައި ނުސާފުވާނެތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދެ ދުވަހު ވައި ނުސާފުވާނެތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ސަރަހައްދުތަކުގައި، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ވައި ނުސާފުވުމުގެ މައްސަލަ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދީފައިވާ މައުލޫމާތުތަކަށް ބުރަވެ އެޗްޕީއޭއިން ބުނީ، ދުންފުހުގެ ސަބަބުން ޖައްވު ތަޣައްޔަރުވެ، ދުރު ފެންނަ މިންވަރު ދަށްވުމުގެ އިތުރުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް.

އެޗްޕީއޭއިން ވަނީ މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ނޭވާލާ ނިޒާމުގައި މައްސަލަ ހުންނަ މީހުން ބޭރުގައި ކުޅިވަރުތައް ކުޅުން ވަގުތީ ގޮތުން ހުއްޓާލުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ބޭރުގެ ނުސާފު ވައި ގޭތެރެއަށް ނުވަންނަހެން ދޮރުތައް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށާއި، ވައި ސާފުކުރާ އެއާ ޕިއުރިފައިއާ ބޭނުންކުރުމަށް ވެސް އެ އެޖެންސީއިން ވަނީ ހަނދާންކޮށްފައެވެ. ވައި ސާފު މިންވަރު ބެލުމަށް އެންވަޔަރްމަންޓް މިނިސްޓްރީގެ ލިންކުން ނުވަތަ އައިކިއުއެއާ ވިޝުއަލް އެޕް ބޭނުންކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ، ދުންފުހުގެ އަސަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނުރައްކާތެރި މިންވަރަކަށް މަތިވެފައިވާ ކަމަށެވެ. މިއީ، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ވައި ނުސާފުވި ދުވަސް ކަމަށް ވެސް އެ އޮފީހުން ފާހަގަކުރިއެވެ. ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ވުރެ ވެސް ދަށްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެ މަތީގައި ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ކުރެއެވެ. މިކަން ދިމާވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. އެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ، ދަތުރުފަތުރު ކުރުމަށް އުނދަގޫވުމުގެ އިތުރުން، އެކި ސިއްހީ މައްސަލަތައް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close