ބޭރުދުނިޔެ

މިޔަންމާގައި ސްކޭމް ހިންގި އެއް އާއިލާއެއްގެ 11 މީހަކަށް ޗައިނާގައި މަރުގެ އަދަބު ތަންފީޒުކޮށްފި

މިޔަންމާގައި ސްކޭމް ހިންގި އެއް އާއިލާއެއްގެ 11 މީހަކަށް ޗައިނާގައި މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިޔަންމާގައި މަކަރާއި ހީލަތުން ފައިސާ އަތުލާ ބޮޑެތި “ސްކޭމް ސެންޓަރުތަކެއް” ހިންގި ނުރައްކާތެރި މިންގް އާއިލާގެ 11 މެންބަރެއްގެ މައްޗަށް އިއްވާފައިވާ މަރުގެ އަދަބު ޗައިނާ އިން ވަނީ ތަންފީޒުކޮށްފަ އެވެ. މި ހުކުމް ތަންފީޒުކުރެވުނީ ގަސްދުގައި މީހުން މެރުމާއި، ޣައިރު ގާނޫނީ ގޮތެއްގައި މީހުން ބަންދުކުރުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން ގަވާއިދާ ހިލާފަށް ޖުވާ ކުޅޭ ތަންތަން ހިންގިކަން ސާބިތުވުމާ ގުޅިގެންނެވެ.

މިންގް އާއިލާ އަކީ ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ މިޔަންމާގެ ލައުކައިންގް ނަމަކަށް ކިޔާ ކުޑަ އަވަށެއް ކޮންޓްރޯލް ކުރަމުންދިޔަ ނުފޫޒުގަދަ އާއިލާތަކުގެ ތެރެއިން އެއް އާއިލާ އެވެ. އެ އާއިލާގެ ވެރިކަމުގެ ދަށުން، ފަގީރު އަދި އެކަހެރިކޮށް އޮތް އެ އަވަށަކީ ކެސީނޯތަކާއި ހަށިވިއްކާ މަރުކަޒުތައް ގިނަ، ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ މަރުކަޒަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެތަނުގައި ހިންގަމުން ދިޔަ ސްކޭމް ސެންޓަރުތަކުގެ ސަބަބުން ގިނަ ބަޔަކަށް އެތައް ގެއްލުމެއް ލިބިފައިވެ އެވެ.

މި އާއިލާގެ ނުރައްކާތެރި ވިއުގަ ރޫޅިގެންދިޔައީ 2023 ވަނަ އަހަރު މިޔަންމާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ތެރެއިން، ލައުކައިންގް ގެ ކޮންޓްރޯލް ހޯދި ހަނގުރާމަވެރި ޖަމާއަތްތަކުން އެ އާއިލާގެ މެންބަރުން ހައްޔަރުކޮށް ޗައިނާގެ ސަރުކާރާ ހަވާލުކުރުމާ ގުޅިގެންނެވެ. މިޔަންމާގައި ހިންގާ މިފަދަ ސްކޭމް އޮޕަރޭޝަންތަކުގައި ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާގެ އެތައް ހާސް މަސައްކަތްތެރިންނެއް ވަނީ ތާށިވެފަ އެވެ. އިންސާނީ ވަގުފާރީގެ މަޅީގައި ޖެހިގެން ގެންދެވޭ އެތައް ލައްކަ ބަޔަކު މަޖުބޫރުކުރަނީ ބޭރު ގައުމުތަކުގެ މީހުންނަށް ގުޅައިގެން މަކަރާއި ހީލަތުން ފައިސާ އަތުލުމަށެވެ.

މިދިޔަ އަހަރު ޗައިނާގެ އިންޓަނެޓްގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ، އެކްޓިންގެ މަސައްކަތަކަށް ތައިލެންޑަށް ދިޔަ ޗައިނާގެ އާދައިގެ އެކްޓަރަކު، ރަހީނުކޮށްގެން މިޔަންމާގެ ސްކޭމް ސެންޓަރަކަށް ގެންދިޔަ ހާދިސާ އެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ޗައިނާ ސަރުކާރުގެ ކަންބޮޑުވުންތައް އިތުރުވެ، މިޔަންމާގެ އަސްކަރީ ސަރުކާރުން މިފަދަ ޖަރީމާތައް ހުއްޓުވުމަށް ޗައިނާއިން ދިޔައީ ތަކުރާރުކޮށް ބާރުއަޅަމުންނެވެ.

ނަތީޖާއެއްގެ ގޮތުން، މިޔަންމާގެ އަސްކަރީ ސަރުކާރާއި އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެމެދު އޮތް ކުރިމަތިލުންތައް ވަރުގަދަވެ، ލައުކައިންގްގައި ހަރަކާތްތެރިވި މި މާފިއާ ގްރޫޕްގެ ބާރު ކެނޑިގެންދިޔަ އެވެ. ޗައިނާގެ އެންމެ މަތީ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، މި އާއިލާގެ ސްކޭމް އޮޕަރޭޝަންތަކުން 2015 އާއި 2023 އާ ދެމެދު 10 ބިލިއަން ޔުއާން (ގާތްގަނޑަކަށް 1.4 ބިލިއަން އެމެރިކާ ޑޮލަރު) ގެ އާމްދަނީއެއް ހޯދާފައިވެ އެވެ. މި އާއިލާގެ ޖަރީމާތަކުގެ ސަބަބުން ޗައިނާގެ 14 ރައްޔިތަކު މަރުވެ، އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ކޯޓުން ފާހަގަކޮށްފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close