ޚަބަރު

ރައީސް މުއިއްޒުގެ ރިޔާސީ ވައުދު : ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުން މާލެ ސަރަހައްދުގައި ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިރޭ ފަށައިފިއެވެ. ޖުމްލަ 118،773 ގޭބިސީއަށް މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާއިރު، މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުން މިހާރު ދަނީ ކުރިއަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ މިރެއިން ފެށިގެން ކޮންމެ ރެޔަކު 20:00 އިން 23:00 އާ ހަމައަށް 300 ޓޯކަން ދޫކޮށްގެންނެވެ. މަސްދަޅު ކޭސް ލިބިގަތުމަށްޓަކައި ކަރަންޓު މީޓަރު ނަންބަރު އަދި ބިލް ނަންބަރު ފަދަ މުހިންމު މައުލޫމާތުތައް ހުށަހަޅަން ޖެހޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މާލޭގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި މިފްކޯ މަރުކަޒާއި، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑު ހިމެނެއެވެ. ހުޅުމާލެ ފޭސް 1 ގައި އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރު އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލުން މަސްދަޅު ކޭސް ދޫކުރެއެވެ. ހުޅުމާލެ ފޭސް 2 ގައި ކާމިލު ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީއިން މި ހިދުމަތް ލިބިގެންދާނެއެވެ. އަދި ވިލިމާލޭގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ވެމްކޯ ސައިޓުންނެވެ.

މާލެ ސަރަހައްދުގައި 61،755 ގޭބިސީއަށް މި ހިދުމަތް ލިބިގެންދާނެއިރު، އަތޮޅުތެރޭގެ 56،918 ގޭބިސީއަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންނެވެ. މިއީ ޖުމްލަ 118،773 ގޭބިސީއަށް ރައީސުލްޖުމްހޫރިއްޔާގެ ވައުދުގެ ދަށުން ލިބިގެންދާ ހަދިޔާއެކެވެ.

މިދިޔަ އަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދީފައިވެއެވެ. އޭގެ އިތުރުން، ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުން ފަދަ އެހެނިހެން އެހީތައް ވެސް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. މިފަދަ ހިދުމަތްތަކަކީ ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close