ޤަޟާ ރޯދަތައް ހިފުމަށާއި ހެޔޮ ޢަމަލުކުރުން އިތުރު ކުރުމަށް މިއަދުގެ ޚުޠުބާގައި ގޮވާލައިފި

ޤަޟާނުކުރެވި ހުރި ފަރުޟު ރޯދައެއްވާނަމަ، އެ ރޯދަތައް ޤަޟާކުރުމަށް އަވަސްވެގަތުމަށާއި ރަމަޟާންމަހުގެ އަޅުކަމަށް ވަގުތު ދެވޭ ގޮތަށް ރަމަޟާންމަހުގެ މަސައްކަތްތައް ރޭވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
ގުނަމުން މިދާ ޝަޢުބާން މަހަކީ، މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެއް ކަމަށް ފާހަގަކުރައްވައި ހުތުބާގައި ވިދާޅުވީ، މިއީ ރަމަޟާން މަހަށް މަރުޙަބާ ކިޔާން ތައްޔާރުވަމުން އަންނަ މަސް ކަމަށެވެ. އަދި މި މަހު ރޯދައާ ބެހޭ ޙުކުމްތައް އުނގެނި، ރަމަޟާން މަހުގެ ރޯދަހިފުމަށާއިހެޔޮ ޢަމަލުކުރުން ގިނަކޮށް، އަޅުކަމަށް ފަރުވާބަހައްޓައި ހީވާގިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
“މާތް ނަބިއްޔާ ޝައުބާން މަހު ހެޔޮ އަމަލުކުރެއްވުން ގިނަކުރެއްވި. ސުންނަތް ރޯދަ ހިއްޕެވުމާއި، ސުންނަތް ނަމާދުކުރެއްވުމާއި އެހެނިހެން ހެޔޮ ޢަމަލުތައް” ހުތުބާގައި ވިދާޅުވިއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ، މުސްލިމެއްގެ ހަޔާތުގައި ކުރާ ހުރިހައި އަމަލުތަކެއް ވެސް ކީރިތި ރަސޫލާގެ ސުންނަތާ އެއް ގޮތަށް ކޮށް، އެކަލޭގެފާނުގެ މަތިވެރި ސުންނަތް ދިރުވުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން އެކި މަސްމަހު އެކަލޭގެފާނު ކުރެއްވި އަޅުކަން ދެނެގަނެ، ކުޅަދާނަވީވަރަކުން އެ ފަދައިން އަޅުކަންކޮށް، އެކަލޭގެފާނާ އިޤުތިދާވުމަކީ މުސްލިމުން އިސްކަންދިނުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.
ހަމަ އެހެންމެ ޝަޢުބާން މަހުގެ 15 ވިލޭރޭ ހާއްސަކަން މިއަދުގެ ހުތުބާގައި ފާހަގަކުރެއްވި ނަމަވެސް އެ ރެއަށް ޚާއްޞަ ވަކި ނަމާދެއް ކުރާންޖެހޭކަމަށް، ނުވަތަ ވަކި ޚާއްޞަ ދުޢާއެއް ކުރާންޖެހޭކަމަށް ޞައްޙަ ސަނަދުން އައިސްފައިވާ އެއްވެސް ރިވާޔަތެއް ނުވާކަމަށް ހުތުބާގައި ވިދާޅުވިއެވެ.
ޝަޢުބާންމަހަކީ ކަޢުބަތުﷲ ގެފުޅަށް މުސްލިމުންގެ ޤިބުލަ ބަދަލުވީ މަސްކަމަށް ގިނަ ޢިލްމުވެިީން ވިދާޅުވެއެވެ. އޭގެ ކުރީން މުސްލިމުންގެ ޤިބުލައަކީ އަލްމަސްޖިދުލްއަޤްޞާއެވެ. އަލްމަސްޖިދުލްޙަރާމަށް ޤިބުލަ ބަދަލުވުމަކީ، ލޮބުވެތި ރަސޫލާގެ ވަރަށް ބޮޑު އުންމީދުފުޅެކެވެ.
ރޯދައިގެ ޘަވާބާއި ދަރުމަ ފުރިހަމައަށް ލިބޭނީ، ދުލާއި އެހެނިހެން ގުނަވަންތައް އުރެދުމުން ރައްކާތެރިކޮށްގެން ކަމަށް ފާހަގަކުރައްވައި ރޯދަވެރިޔާ ހުތުރުބަހުން ވާހަކަދެއްކުމާއި، ޒުވާބުކުރުމާ ވެސް ދުރުހެލިވާން ޖެހޭނޭކަމަށް ހުތުބާގައި ވިދާޅުވިއެވެ.
