އަންނަ ރަމަޟާންމަހަށްވެސް ވަގުތީ މާރުކޭޓެއް

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް ގާއިމްކުރަން ހަމަޖެހިފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.
އެ ވުޒާރާ އިން ހާމަކުރެއްވިގޮތުގައި އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ގާއިމު ކުރުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.
ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެންނަ މަހެކެއްކަން ފާހަގަކޮށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ބުނީ ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްސަދުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އާއި ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އެގޮތުން ރަމަޟާން މަހަށް ޚާއްސަކޮށްގެން ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މި މާރުކޭޓަކީ ރޯދަ މަހަށް އުފައްދާފައިވާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން ބުނެއެވެ.
މީގެ އިތުރުން އަތޮޅުގެ ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް މި މާރުކޭޓުގައި ވިއްކުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އިން މައުލުމާތުދެއެވެ. އެގޮތުން މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގެ ދަނޑުވެރިންނާ ގުޅިގެން ދަނޑުވެރިކަމާއި ބެހޭ ވުޒާރާ އަށް ފޯމު ހުށަހެޅުމަށް އިލްތިމާޒު ކޮށްފައިވެއެވެ.





