އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އެއްޗެއް ގޮވައި، ގިނަ ބަޔަކު މަރުވެއްޖެ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އެއްޗެއް ގޮވައި، ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ތާލިބާނުންގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ކާބުލްގެ ޝަހްރޭ ނައު ސަރަހައްދުގައެވެ. މިއީ ބޭރު ގައުމުތަކުގެ މީހުން އާންމުކޮށް އުޅޭ، އަދި ކާބުލްގެ އެންމެ އަމާން އެއް ސަރަހައްދުގެ ގޮތުގައި ބެލެވޭ ތަނެކެވެ.
ދާޚިލީ ވުޒާރާގެ ތަރުޖަމާނު އަބްދުލް މަތީން ގާނީ ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިބްތިދާއީ ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ހާދިސާގައި ބައެއް މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިޓަލީގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ “އިމަޖެންސީ” އިން ބުނި ގޮތުގައި، އެ ޖަމިއްޔާއިން ކާބުލްގައި ހިންގާ ހޮސްޕިޓަލަށް މި ގޮވުމާ ގުޅިގެން 20 މީހަކު ގެންދެވުނެވެ. އޭގެ ތެރެއިން ހަތް މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. އަދި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދު މެންދުރުފަހު ހޮސްޕިޓަލް ކައިރީގައި އޮންނަ ޝަހްރޭ ނައު ސަރަހައްދުގައި އެއްޗެއް ގޮވުމާ ގުޅިގެން ޖުމްލަ 20 މީހަކަށް ފަރުވާ ދިނުމަށް އެ ސެންޓަރަށް ގެނެވުނު ކަމަށާއި، އޭގެ ތެރެއިން ހަތް މީހަކު ގެނައިރުވެސް މަރުވެފައިވާ ކަމަށެވެ.
މި ގޮވުން މެދުވެރިވި ސަބަބު އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
އަފްޣާނިސްތާނުގެ ޓޯލޯ ނިއުސް އިން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ މަގުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި، ކުނިބުންޏާއި ހިރަފުހުން މުޅި ސަރަހައްދު ވަނީ ފުރިފައެވެ.
2021 ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށްފަހު، ތާލިބާނުންގެ ވެރިކަމުގައި ކާބުލްގައާއި މުޅި ގައުމުގައި މިފަދަ ގޮވުންތައް ގޮއްވުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް، އައި.އެސް (ISIS) ޖަމާއަތުގެ ގޮފިތައް އަދިވެސް އެ ގައުމުގައި ހަރަކާތްތެރިވަމުންދާއިރު، ދޭތެރެ ދޭތެރެއިން މިފަދަ ނުރައްކާތެރި ހަމަލާތައް އަންނަނީ ދެމުންނެވެ.
