ޓެކްނޮލޮޖީ އޭއައިގެ ސަބަބުން މުއްސަނދި އަދި ފަގީރު ގައުމުތަކުގެ ފަރަގު ބޮޑުވެދާނެ ކަމުގެ އިންޒާރު

އޭއައިގެ ސަބަބުން މުއްސަނދި އަދި ފަގީރު ގައުމުތަކުގެ ފަރަގު ބޮޑުވެދާނެ ކަމުގެ އިންޒާރު

އޭއައިގެ ސަބަބުން މުއްސަނދި އަދި ފަގީރު ގައުމުތަކުގެ ފަރަގު ބޮޑުވެދާނެ ކަމުގެ އިންޒާރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އޭއައިގެ ސަބަބުން މުއްސަނދި އަދި ފަގީރު ގައުމުތަކުގެ ފަރަގު ބޮޑުވެދާނެ ކަމުގެ އިންޒާރު އެންތްރޮޕިކުން ދީފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކުން، އޭއައި ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ހަމަހަމަކަން ގެއްލި ، މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެންތްރޮޕިކުން މިކަމާ ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ “ކްލޯޑް” (Claude) ޗެޓްބޮޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުންދާ ގޮތް ބެލުމަށެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، މުއްސަނދި ގައުމުތަކުން އޭއައި ބޭނުންކުރާ މިންވަރު ފަގީރު ގައުމުތަކަށްވުރެ މާ އަވަހެވެ. އަދި ދަށް އާމްދަނީ ލިބޭ ގައުމުތަކުން މި ދާއިރާގައި ކުރިއަރަމުންދާ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.

އެންތްރޮޕިކްގެ އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އޭއައިގެ ސަބަބުން މަސައްކަތުގެ އުފެއްދުންތެރިކަން (productivity) އިތުރުވި ނަމަވެސް، އޭގެ ފައިދާ ކުރާނީ ހަމައެކަނި އެ ވަސީލަތްތައް ބޭނުންކުރުމުގެ މާލީ އަދި އުމްރާނީ ގާބިލްކަން ހުރި މުއްސަނދި ގައުމުތަކަށެވެ. މީގެ ސަބަބުން އެ ގައުމުތަކުގެ ދިރިއުޅުމުގެ ފެންވަރު އެހެން ގައުމުތަކަށްވުރެ މާ ބޮޑަށް މަތިވެގެން ހިނގައިދާނެއެވެ.

މައިކްރޯސޮފްޓުން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ މިފަދަ ނަތީޖާއެއް ދައްކާފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ އުތުރުގެ މުއްސަނދި ގައުމުތަކުން (Global North) އޭއައި ބޭނުންކުރާ މިންވަރު، ދެކުނުގެ ގައުމުތަކަށްވުރެ (Global South) ދެގުނަ އިތުރެވެ.

ނަމަވެސް، އޭއައިގެ ސަބަބުން ހަގީގަތުގައި ވެސް އުފެއްދުންތެރިކަން އިތުރުވޭތޯ މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެމްއައިޓީ (MIT) އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އޭއައިއަށް އިންވެސްޓްކުރި 95 އިންސައްތަ ކުންފުނިތަކަށް އަދިވެސް އޭގެއިން އެދެވޭ މާލީ ފައިދާއެއް ނުލިބެއެވެ. އަދި އަޕްވޯކް (Upwork) އިން ކުރި ސާވޭއެއްގައި ބައިވެރިވި މުވައްޒަފުންގެ ތެރެއިން 75 އިންސައްތައަށްވުރެ ގިނަ މީހުން ބުނެފައިވަނީ އޭއައިގެ ސަބަބުން އެމީހުންގެ މަސައްކަތް އިތުރުވެ، އުފެއްދުންތެރިކަން ދަށްވެފައިވާ ކަމަށެވެ.

ތާރީޚީ ގޮތުން ބަލާއިރު، ޓެކްނޮލޮޖީގެ ސަބަބުން އުފެއްދުންތެރިކަން އިތުރުވި ނަމަވެސް، އޭގެ ފައިދާ އާންމު މަސައްކަތްތެރިންގެ މުސާރައަށް ކޮށްފައިވަނީ ވަރަށް ކުޑަކޮށެވެ. އޭގެ ބަދަލުގައި ބޮޑު ފައިދާ ލިބިފައިވަނީ ކުންފުނިތަކުގެ ވެރިންނަށާއި މުއްސަނދިންނަށެވެ.

އެންތްރޮޕިކުން މިފަދަ އިންޒާރެއް ދީފައިވާއިރު، އެ ކުންފުނީގެ ސީއީއޯ ދާރިއޯ އަމޯޑޭގެ އަމިއްލަ މިލްކިއްޔާތުގައި 3.7 ބިލިއަން ޑޮލަރު ހުރިކަން ފާހަގަކޮށް، ބައެއް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ހަމަހަމަނޫންކަން އުފައްދާ މެޝިން އަމިއްލައަށް ބިނާކުރަމުން އެކަމުގެ އިންޒާރު ދިނުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.

ޓެގް

އޭއައި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.