ބޭރުދުނިޔެ

ކުރުދީންނަށް ރައްޔިތުކަން އަލުންދީ، އެމީހުންގެ ބަސް ރަސްމީކޮށް ބަލައިގަތުމަށް ޝަރާޢު ނިންމަވައިފި

ސޫރިޔާގެ ކުރުދީންނަށް އެމީހުންގެ ރައްޔިތުކަން އަލުން ހޯދައިދީ، އެމީހުންގެ މާދަރީ ބަސް ރަސްމީކޮށް ބަލައިގަތުމަށް އެޤައުމުގެ ވެރިކަމާ ޙަވާލުވެ ހުންނެވި އަޙްމަދު އަލްޝަރާޢު ރިޔާސީ ޤަރާރަކުން ނިންމަވައިފިއެވެ.

މި ތާރީޚީ ނިންމެވުން ޝަރާޢު އިޢުލާން ކުރައްވާފައިވަނީ، ސޫރިޔާގެ އުތުރާއި އިރުމަތީ ސަރަޙައްދުތަކުގައި ކުރުދީ ހަނގުރާމަވެރިންނާއި ސޫރިޔާގެ ސިފައިންނާ ދެމެދު ހިނގި ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކަކަށްފަހު، މަޝްވަރާގެ މަގުން ސުލްޙަ ގާއިމުކުރުމަށް ފެށި މަސައްކަތުގެ ދަށުންނެވެ.

ސޫރިޔާގެ އުތުރުގެ ޚަލަބް ސަރަޙައްދުގައި ދެފަރާތުގެ މެދުގައި ހިނގި ވަރުގަދަ ހަމަލާ ބަދަލުކުރުންތަކުގައި 23 މީހަކު މަރުވެފައިވާއިރު، ގާތްގަނޑަކަށް 150,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައެވެ. ނަމަވެސް، މި ހަމަނުޖެހުންތަކާ ގުޅިގެން ދެފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކުރުދީ ހަނގުރާމަވެރިން މިހާރު ވަނީ އުތުރުގެ ސަރަޙައްދުތަކުން ފައިބައިފައެވެ.

ޝަރާޢު ނެރުއްވި ޤަރާރުގެ ދަށުން، 1962 ވަނަ އަހަރުން ފެށިގެން ސޫރިޔާގެ ރައްޔިތުކަން އަތުލާފައިވާ ކުރުދީންނަށް ރަސްމީކޮށް ރައްޔިތުކަން އަލުން ލިބިގެންދާނެއެވެ. މީގެއިތުރުން، ކުރުދީންނަކީ ސޫރިޔާގެ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެމީހުންގެ ބަސް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ފުރުޞަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު ބައްޝާރު އަލްއަސަދުގެ ދިގުލީ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމާއެކު ވެރިކަމާ ޙަވާލުވި ޝަރާޢުގެ އެންމެ ބޮޑު އަމާޒަކީ ޤައުމުގެ ބައިބައިވުން ނައްތާލުމެވެ. އެގޮތުން ކުރުދީން ހިންގާ އަސްކަރީ އަދި މަދަނީ އިދާރާތައް ދައުލަތުގެ ނިޒާމުގެ ތެރެއަށް ވައްދައި، އެންމެން ގުޅިގެން މަސައްކަތްކުރާނެ މާޙައުލެއް ބިނާކުރުމަށް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، މި ދާއިރާއިން މިހާތަނަށް އެދެވޭ ބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close