ޚަބަރު

ރަށްތައް ތަރައްޤީ ކުރަންވާނީ ރަށްރަށުގެ ޚާއްޞަ ސިފަތައް ނުގެއްލޭ ގޮތަށް : މިނިސްޓަރ އާދަމް ޝަރީފް

ރަށްތައް ތަރައްޤީ ކުރަންވާނީ ރަށްރަށުގެ ޚާއްޞަ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއެވެ.
ސިޓީޒް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު، މިހެން ވިދާޅުވީ، ބ. ދަރަވަންދޫގައި ބޭއްވި ”މަގޭ ދަރަވަންދޫ އެވޯޑު 2025” ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ރަށްތައް ތަރައްޤީ ކުރިއަށް ގެންދާއިރު، އެ ރަށެއްގެ އަޞްލު ނުގެއްލި، ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އާދަމް ޝަރީފު ވަނީ ކޮންމެ ރަށަކީ ވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ބ. ދަރަވަންދޫގެ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރަށުގެ ސަގާފަތާއި، ތާރީޚީ ކަންކަމާއި، މުޖުތަމަޢުގެ އާދަތަކަކީ ރަށެއްގެ ޚާއްޞަ ސިފަތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށް ތަރައްޤީ ކުރެވޭއިރު، އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ. ”ރަށްތައް ތަރައްޤީ ކުރަމުންދާއިރު، އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގުން މުހިންމު،” މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން، ރަށްތަކުގެ ކުރިއެރުމަށް ލާމަރުކަޒީ ނިޒާމު މުހިންމުކަމަށާއި، އެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވޭނީ ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ ބައިވެރިވުމަކީ ތަރައްޤީގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި އެންމެ މުހިންމު އެއްބާރުކަމުގައި އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close