ކުޑަފަރީ ކައުންސިލުން ހާޒިރީ އެލަވަންސް ދިނީ ގަވާއިދާ ޚިލާފަށް: އޮޑިޓް ރިޕޯޓް

ނ. ކުޑަފަރީ ކައުންސިލުން އެ އިދާރާގެ މުވައްޒަފުންނަށް ހާޒިރީ އެލަވަންސްގެ ނަމުގައި ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލާ ފައިސާ ދޫކޮށްފައިވާ މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. މި މައްސަލަ ހާމަވެފައިވަނީ އެ އޮފީހުން ނެރުނު ކުޑަފަރީ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ކުޑަފަރީ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 75 ރުފިޔާ ދިނުމަށް ކައުންސިލް ބައްދަލުވުމަކުން ނިންމާފައިވެއެވެ. މި އެލަވަންސަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ އެލަވަންސްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަން ރިޕޯޓުގައި ފާހަގަކުރެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި އެލަވަންސް ދިނުމަށް ކައުންސިލުން ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާކޮށްފައިވާކަން ލިޔެކިޔުމުން އެނގެން ނެތެވެ. އަދި މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީއަށް ލިޔުމުން އެދުނު ނަމަވެސް އެޓެންޑެންސް އެލަވަންސް ދިނުމަށް ނުފެންނަކަމަށް މިނިސްޓްރީން ރަސްމީކޮށް އަންގާފައިވާކަން ވެސް ރިޕޯޓުން ހާމަވެއެވެ.
ނަމަވެސް، މިނިސްޓްރީގެ ހުއްދަ ނެތް ނަމަވެސް، ކައުންސިލުން 2025 ވަނަ އަހަރުގެ މާރޗު މަހުން ފެށިގެން މުވައްޒަފުންނަށް މި އެލަވަންސް ދޭން ފަށާފައިވާކަން އޮޑިޓުން ހާމަވެއެވެ. އޮޑިޓް ހިންގި 2025 ވަނަ އަހަރުގެ ޖުލައި 7 ގެ ނިޔަލަށް މި އެލަވަންސްގެ ގޮތުގައި 59،475 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި އެލަވަންސް ދިނުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހުއްދަ ނޫން އަމަލެއްކަމަށް ބަލައި، މި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި އަންގާފައިވެއެވެ. އަދި ހުއްދަ ނެތި ދީފައިވާ މި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިތުރަށް ލަފާދީފައިވަނީ، ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށް ނިންމާ ގޮތެއްގެ މަތިން މި ކަމުގައި އަމަލުކުރުމަށެވެ. މީގެ މަޤްޞަދަކީ ދައުލަތުގެ މާލިއްޔަތު ހަރުދަނާކޮށް، ގަވާއިދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

