އެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަޤާމަށް، ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ. އެޗްއާރުސީއެމްގެ ރައީސްގެ މަޤާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.
ޑރ. ޢާއިޝަތު ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެކަމަނާ އެ މަޤާމަށް އައްޔަންކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
ޑރ. ރަމީލާއަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރެވެ. ނަމަވެސް، ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން އެކަމަނާ ވަނީ 1 ޑިސެންބަރު 2024 ގައި ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
