ބަނގުރާ އުފައްދާ ވިއްކި ކަމުގެ ތުހުމަތުގައި 5 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ބަނގުރާ އުފައްދައި، ބޭނުންކޮށް އަދި ވިއްކާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ 5 މީހުންކަމަށްވާ، ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) ކަމަށެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މައްޗައްގޯޅި ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިގެ ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ހަތަރު ފުޅިއާއި ފަސް ލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށެވެ.
މި މައްސަލާގެ ތަހުގީގުކުރިއަށްދާއިރު، މި އެންމެންވެސް ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.



