ބޭރުދުނިޔެ

ފަލަސްތީނުގެ އިގްތިސާދު އިނދަޖެހުމުގެ ބިރު ބޮޑުވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި، ހުޅަނގު އައްސޭރީގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގެ އިގްތިސާދު މިއިން ދުވަހަކު ވެއްޓިފައި ނުވާ ފަދަ ނުރައްކާތެރި ފުން ވަޅުގަނޑަކަށް ވެއްޓި، ދައުލަތުގެ މުއައްސަސާތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ރަސްމީ އިދާރާތަކުން ދީފިއެވެ.

ޕަލަސްޓީނިއަން ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޕަލަސްޓީނިއަން މަނިޓަރީ އޮތޯރިޓީން ގުޅިގެން ނެރުނު 2025 ވަނަ އަހަރުގެ އިގްތިސާދީ ރިޕޯޓުގައި ބުނެފައިވަނީ، ފަލަސްތީނުގެ އިގްތިސާދު މިހާރު އޮތީ ވަރަށް ފުން ރިސެޝަނެއްގެ ތެރޭގައި ކަމަށާއި، އުފެއްދުންތެރިކަން އަލުން އިއާދަކުރުމުގެ ގާބިލުކަން މިހާރު ނެތެމުންދާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ޣައްޒާގެ އުފެއްދުންތެރިކަން (ޖީޑީޕީ) ވަނީ 84 އިންސައްތަ ދަށަށް ގޮސްފައެވެ. ހަމައެއާއެކު، ހުޅަނގު އައްސޭރީގެ އުފެއްދުންތެރިކަންވެސް ވަނީ 13 އިންސައްތަ ދަށަށް ގޮސް، މުޅި ފަލަސްތީނުގެ އިގްތިސާދީ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައެވެ.
މި ހާލަތުގެ ސަބަބުން ޣައްޒާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް 77 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާއިރު، މުޅި ފަލަސްތީނުގެ ވިޔަފާރީގެ މުއާމަލާތްތައް ވަނީ ބޮޑުތަނުން މަދުވެފައެވެ. އަދި ބޮލަކަށް ޖެހޭ އާމްދަނީ 32 އިންސައްތަ ދަށަށް ގޮސް، އިގްތިސާދީ ހާލަތު މީގެ 22 އަހަރު ކުރީގެ މިންވަރަށް ރުޖޫއަވެފައިވާ ކަމަށް އދ. ގެ ރިޕޯޓުތަކުންވެސް ވަނީ ހާމަވެފައެވެ.
ފަލަސްތީނުގެ އިގްތިސާދީ ވަޒީރު މުހައްމަދު އަލް އަމޫރު ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ ސަރުކާރަށް ލިބެންޖެހޭ 4.5 ބިލިއަން ޑޮލަރުގެ ޓެކްސް ފައިސާ އިސްރާއީލުން ހިފަހައްޓާފައިވުމަކީ އިގްތިސާދީ ގޮތުން ދެމުންދާ ވަރުގަދަ ހަމަލާއެކެވެ. މީގެ ސަބަބުން ސަރުކާރުގެ ދަރަނި 14.6 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ގައުމުގެ އުފެއްދުންތެރިކަމުގެ 106 އިންސައްތައެވެ.
ދައުލަތުގެ ދަރަނީގެ ތެރޭގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދައްކަންޖެހޭ ފައިސާގެ އިތުރުން، ސަރުކާރު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ނުދެވި އޮތް 2.5 ބިލިއަން ޑޮލަރާއި، އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 1.6 ބިލިއަން ޑޮލަރު ހިމެނެއެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ 1994 ވަނަ އަހަރު ފަލަސްތީނު އޮތޯރިޓީ އުފެދުނު ފަހުން ކުރިމަތިވި އެންމެ ދަތި ދުވަސްވަރެވެ.
އިގްތިސާދީ އެކި ދާއިރާތަކަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާ 41 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ސިނާއީ އަދި ދަނޑުވެރިކަމުގެ ދާއިރާ ވަނީ 29 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ދުވާލަކު 2 މިލިއަން ޑޮލަރުގެ ގެއްލުންވަމުންދާއިރު، މިހާތަނަށް އެ ދާއިރާއަށް ލިބުނު ގެއްލުން 1 ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ.
މި ހާލަތުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުދި ވިޔަފާރިތަކަށް އެހީވުމާއި، ޑިޖިޓަލް އަދި ގްރީން އިކޮނޮމީ ކުރިއެރުވުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އިގްތިސާދީ މާހިރުން އިންޒާރުދޭ ގޮތުގައި، ބޭރުގެ އެހީތައް ނުލިބި އަދި އިސްރާއީލުން ހިފަހައްޓާފައިވާ ފައިސާ ދޫނުކޮށްފިނަމަ، ފަލަސްތީނުގެ ސަރުކާރަކީ ހަމައެކަނި ނަމެއްގައި އޮންނަ އިދާރާއަކަށް ވެދާނެއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅެއް ނާޅައިފިނަމަ، މުޅި އިގްތިސާދީ ނިޒާމު މުޅިން ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close