ޚަބަރު

ދައުލަތުގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު އަމިއްލަ މީޑިއާތަކަށް ހުޅުވާލައިފި

މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސްތަކާއި ބްރޯޑްކާސްޓިން ލައިސަންސް ލިބިފައިވާ ފަރާތްތަކަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ރޭ ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ‘ވަންގަވް’ގެ ‘މީޑިއާ އެޕް’ މެދުވެރިކޮށް އޮންލައިންކޮށެވެ.

މި މަސައްކަތް ކުރިން ހަވާލުވެފައި އޮތީ ޔޫތު މިނިސްޓްރީއާ ކަމަށްވިޔަސް، މިހާރު މީޑިއާ ކޮމިޝަނާ ހަވާލުކުރުމާއެކު މާލީ އެހީއަށް ހުޅުވާލި އުސޫލަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އާ އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ، ޖެނުއަރީ 2024 އިން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުން ގެންދިއުމެވެ. މާލީ އެހީ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާއެއް ހިންގާ މުއްދަތާއި މުވައްޒަފުންގެ އަދަދަށް ރިއާޔަތްކުރުން ހިމެނެއެވެ. ކުރީގެ އުސޫލުން ޝަރުތު ހަމަވީ ނިސްބަތުން މަދު މީޑިއަތަކކަށް ވީނަމަވެސް، މިހާރުގެ އާ އުސޫލުގެ ދަށުން ގިނަ މީޑިއާތަކަކަށް ޝަރުތު ހަމަވާނެކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް 27 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ. ބްރޯޑްކޮމުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން މި އެހީ ދިނުމަށްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close