ޚަބަރު

ވީއައިއޭގެ އައު ޓާމިނަލުން ފަސް ލައްކައަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އަލަށް ހުޅުވި ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. މި ކާމިޔާބީއަކީ އެއަރޕޯޓުގެ ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ގާބިލިއްޔަތު އިތުރުވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

އެމްއޭސީއެލް އިން ދެއްވި މަޢުލޫމާތަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޑިސެންބަރު 15 ގެ ނިޔަލަށް ޓާމިނަލް 1 އިން ޖުމްލަ 508,008 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެއެވެ. މި އަދަދުގައި ރާއްޖެއިން ފުރި 252,340 ފަސިންޖަރުންނާއި ރާއްޖެއަށް އައި 255,668 ފަސިންޖަރުން ހިމެނެއެވެ. މިއީ އައު ޓާމިނަލްގެ އޮޕަރޭޝަން ފެށުނުތާ ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.

މީގެއިތުރުން، ޓާމިނަލް 1 އިން މިހާތަނަށް 37 އެއާލައިނަކަށް ޚިދުމަތް ދޭން ފަށާފައިވާކަމަށް އެމްއޭސީއެލް އިން ބުނެއެވެ. 2025 ވަނަ އަހަރުގެ ޑިސެންބަރު 21 އަކީ މި ޓާމިނަލުން އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިން ދުވަސްކަމަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން، އެ ދުވަހު އެކަނިވެސް 19,551 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެއެވެ؛ އޭގެތެރޭގައި ރާއްޖެއިން ފުރި 8,681 ފަސިންޖަރުންނާއި ރާއްޖެއަށް އައި 10,870 ފަސިންޖަރުން ހިމެނެއެވެ.

ވީއައިއޭގެ ޓާމިނަލް 1 ރަސްމީކޮށް ހުޅުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލުގައި 2025 ވަނަ އަހަރުގެ ޖުލައި 26 ގައެވެ. ތާރީޚީ ކުލަގަދަ ހަފުލާއަކާއެކު މި ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޓާމިނަލްގެ ސަބަބުން ވީއައިއޭގެ ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ގާބިލިއްޔަތު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close