މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، 12 އަހަރަށް ޖަލަށް

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތުގެ ދެ ދައުވާ ސާބިތުވެ، އޭނާ 12 އަހަރާއި، 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2016 ވަނަ އަހަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް ހުރިއިރު، އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގިކަމަށެވެ. ދައުލަތުން އެދިފައިވަނީ މި ކުށަށް ބޮޑު އަދަބެއް ދިނުމަށެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު، މައުމޫންގެ މައްޗަށް އޭސީސީން ބެލި މައްސަލަތަކާ ގުޅިގެން އޭނާ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެ، މިދިޔަ އަހަރު އަމިއްލައަށް ރާއްޖެއަށް އައިސްފައިވާ އިރު، އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. މިއީ އޭނާގެ މައްޗަށް ކުރި 7 ދައުވާއިން 2 ދައުވާގެ ހުކުމް ކަމުގައި ވާއިރު، ބާކީ 5 ދައުވާގެ ހުކުމް ފަހުން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

