އިސްރާއީލުން ހިންގާފައިވަނީ ހަނގުރާމައިގެ ޖަރީމާތަކެއް: އައްބާސް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، އދ.ގެ އާންމު މަޖިލީހުގައި އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ކަމަށާއި، އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސަރުކާރުން ގަވާއިދާ ޚިލާފަށް ހިފާފައިވާ ބިންތަކުގައި ވަޒަންވެރިވުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާތީ، މުސްތަގުބަލުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ދަތިވެފައިވާ ކަމަށެވެ.
އުމުރުފުޅުން 89 އަހަރުގެ ރައީސް އައްބާސް މި ވާހަކަތައް ވިދާޅުވީ ބުރާސްފަތި ދުވަހު އދ.ގެ އާންމު މަޖިލީހަށް ވީޑިއޯ މެދުވެރިކޮށެވެ. އެމެރިކާއަށް ދިއުމަށް ދޫކުރާ ވިސާ އޭނާއަށް ދިނުމަށް އެމެރިކާއިން ދެކޮޅު ހެދުމުންނެވެ.
ރައީސް އައްބާސް ވިދާޅުވީ، ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުން ދެ އަހަރެއްހާ ދުވަހު ނަސްލު ނައްތާލުމާއި، ހަލާކުކުރުމާއި، ބަނޑުހައިހޫނުކަމާއި، ހިޖުރަކުރުމުގެ ހަނގުރާމައެއްގެ ތެރޭގައި ދިރިއުޅެމުންދާ ކަމަށެވެ. އޭނާ އިސްރާއީލުގެ އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ކަމަށް ސިފަކުރެއްވިއެވެ. އަދި މިކަންކަން ތާރީޚުގެ ފޮތްތަކުގައި 20 ވަނަ އަދި 21 ވަނަ ގަރުނުގެ އެންމެ ނުރައްކާތެރި އިންސާނީ ހިތާމައިގެ އެއް ބާބުގެ ގޮތުގައި ރެކޯޑު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ލޯކަލް ހެލްތު އޮތޯރިޓީތަކުން ބުނާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި މަދުވެގެން 65,419 މީހުން ޝަހީދުވެ، 167,160 މީހުން ޒަޚަމްވެފައިވެއެވެ. އަދި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ހާހެއްހާ މީހުން ތިބި ކަމަށް ބެލެވެއެވެ.
އދ. އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ސިފައިން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޣައްޒާގައި އާންމު ރައްޔިތުންގެ ދިރިއުޅުން ހަލާކުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓުގައި އިސްރާއީލުން ފެންވަޅުތަކާއި، ނަރުދަމާގެ ނިޒާމުތަކާއި، ތައުލީމީ މުއައްސަސާތަކާއި، މިސްކިތްތަކާއި، ގަބުރުސްތާނުތައް ހަލާކުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
ރައީސް އައްބާސް ހަމާސްގެ އަމަލުތައް ކުށްވެރި ކުރައްވައި ވިދާޅުވީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން ހިންގި ހަމަލާތަކުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް، ބަޔަކު ހައްޔަރުކުރުމަކީ ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރާ ކަމެއް ނޫން ކަމަށާއި، މިނިވަންކަމަށް ކުރާ ހަނގުރާމައެއް ނޫން ކަމަށެވެ. އަދި ހަމާސްއަށް ސަރުކާރުގައި ބައިވެރިވުމުގެ ދައުރެއް ނޯންނާނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އައްބާސް އިސްރާއީލުގެ ގަވާއިދާ ޚިލާފު ވަޒަންވެރިވުންތަކަށް ވެސް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސަރުކޫރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ވަޒަންވެރިވުންތައް ފުޅާކުރަމުންދާ ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ.
އައްބާސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލައި، ދެފަރާތުން ވެސް ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލައި، ޣައްޒާގެ ރައްޔިތުންނަށް އެމީހުންގެ ބިމުގައި ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން ދޭންޖެހޭ ކަމަށެވެ. އަދި ކިތަންމެ ބޮޑަށް ޒަޚަމްތައް ފަޅައިގެން ދިޔަ ނަމަވެސް، އަދި ކިތަންމެ ދިގު މުއްދަތަކަށް މި ހިތާމަތައް ދެމިހުރި ނަމަވެސް، ދިރިއުޅުމުގެ ހިތްވަރު ނެތިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ.




