ބޭރުދުނިޔެ

ޑާކާގެ ސްކޫލަކަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓި، 19 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި، ދަރިވަރުން އިމްތިހާނު ހަދަމުން ދިޔަ ސްކޫލެއްގެ ގޯތިތެރެއަށް އަސްކަރީ ތަމްރީނެއް ހަދަމުންދިޔަ މަތިންދާބޯޓެއް ވެއްޓި، ޕައިލެޓާއި ދަރިވަރަކު ހިމެނޭހެން މަދުވެގެން 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު، ބަންގްލަދޭޝްގެ އެއަރ ފޯސްގެ އެފް-7 ބީޖީއައި މަރުކާގެ ޖެޓެއް، އުއްތާރާ ސަރަޙައްދުގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖްގެ ދެބުރި އިމާރާތަކަށް ވެއްޓުމުންނެވެ. ބޯޓު ވެއްޓުނުއިރު، އެ ސްކޫލުގައި ދަރިވަރުންތަކެއް އިމްތިހާނު ހަދަމުން ދިޔައެވެ.
އަސްކަރިއްޔާއިން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ވެރިރަށު އަސްކަރީ ބޭސްއިން އުދުއްސާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޯޓަށް ވަނީ މެކޭނިކަލް މައްސަލައެއް ދިމާވެފައެވެ. މިކަމާ ގުޅިގެން ބޯޓުގެ ޕައިލެޓް، ލެފްޓިނަންޓް މުޙައްމަދު ތައުކީރު އިސްލާމް، ވަނީ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ބޯޓު ވެއްޓުމުން ސަލާމަތްކުރުމަށް، މީހުން މަދު ސަރަޙައްދަކަށް ބޯޓު ގެންދަން މަސައްކަތްކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި އޭނާ ވެސް ވަނީ މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން އާންމުވި ވީޑިއޯ މަންޒަރުތަކުން، ބޯޓު ވެއްޓުނު ތަނުގައި ބޮޑު އަލިފާންގަނޑެއް ރޯވެ، ބޯ ދުމުގެ އަސަރު މުޅި ސަރަޙައްދަށް ފެތުރިފައިވާތަން ފެނެއެވެ. ހާދިސާ ހިނގި ސަރަޙައްދަށް ގިނަ ބަޔަކު އެއްވެ، ހަޅޭއްލަވައި ރޮމުން ދިޔައިރު، އަލިފާން ނިއްވާ ޓީމުތަކުން ދިޔައީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޑާކާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ހާދިސާގައި ދަރިވަރަކު މަރުވެ، އެކިވަރުގެ އަނިޔާތައް ލިބުނު 160 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ޒަޚަމްވި މީހުންގެ ތެރޭގައި 50 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ، މުޙައްމަދު ޔޫނުސް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މިއީ “އިއާދަ ނުކުރެވޭވަރުގެ ގެއްލުމެއް” ކަމަށް ވިދާޅުވެފައެވެ. އަދި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައި، އަނިޔާވި ފަރާތްތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މިކަމާ ގުޅިގެން ޚާއްސަ ހޮޓްލައިނެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.

މި ހާދިސާ މެދުވެރިވީ މީގެ އެންމެ މަހެއްހާ ދުވަސް ކުރިން އަވައްޓެރި އިންޑިއާގައި ހިނގި، ފާއިތުވި 10 އަހަރުގެ ތެރޭގައި ދުނިޔޭގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާ ހިނގާފައި ވަނިކޮށެވެ. އެ ފަހަރު އަޙްމަދުއާބާދުގައި އެއަރ އިންޑިއާގެ ބޯޓެއް ވެއްޓި 260 މީހުން މަރުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close