ޚަބަރު

ޖީއެމްއާރަށް ދިނީމަ އެއާޕޯޓުން ލިބުނީ 15 މިލިއަން، އަޅުގަނޑުމެން 1.3 ބިލިއަނަށް އެރުވިން: ރައީސް ޔާމީން

އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިވެހިރާއްޖޭގެ މައި އެއާޕޯޓް ހިންގަން ދިނުމުން ދައުލަތަށް ލިބުނު ފައިދާ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެއާޕޯޓް އަނބުރާ ދިވެހިންނަށް ހޯދުމަށްފަހު ފައިދާ ބިލިއަނުން މައްޗަށް އެރުވިކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިންނާއި، ދިނުމަށްފަހު، އަދި އަނބުރާ ހޯދުމަށްފަހު އެއާޕޯޓުގެ މާލީ ހާލަތު ހުރި ގޮތް ތަފާސްހިސާބުތަކާއެކު ހާމަކުރައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ހިންގިއިރު އަހަރަކު 300 މިލިއަން ރުފިޔާގެ ފައިދާއެއް ލިބެމުން ދިޔައެވެ. ނަމަވެސް، ޖީއެމްއާރަށް އެއާޕޯޓް ދިނުމަށްފަހު ފުރަތަމަ އަހަރު ދައުލަތަށް ފައިދާގެ ގޮތުގައި ލިބުނީ އެންމެ 15 މިލިއަން ރުފިޔާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“300 މިލިއަން ރުފިޔާއިން 15 މިލިއަން ރުފިޔާއަށް [ފައިދާ ވެއްޓުނީ]. އަދި އެއީ، ޖީއެމްއާރުން ދިންކަމަށް ބުނާ ކޮންސެޝަންތަކާއި، ޖެޓް ފިއުލްގެ އަގު ހެޔޮކުރުން ފަދަ ކަންކަން ހިމަނައިގެން،” ރައީސް ޔާމީން ވިދާޅުވިއެވެ.

އެއާޕޯޓް ޖީއެމްއާރުގެ އަތުން އަނބުރާ ހޯދުމަށްފަހު އެމަނިކުފާނުގެ ސަރުކާރުން އެތަން ހިންގަން ފެށުމުން، ފުރަތަމަ އަހަރު އެއާޕޯޓް ކުންފުނީގެ ފައިދާ 1 ބިލިއަން ރުފިޔާއަށް (1000 މިލިއަން ރުފިޔާ) އަށް އިތުރުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2018 ވަނަ އަހަރު ނިމުނުއިރު އެމްއޭސީއެލްގެ ފައިދާ 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިކަމަށް އިޝާރާތް ކުރައްވައި، އެއާޕޯޓް އަނބުރާ ހޯދުމަށް ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 320 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ “ޕަކާލައިގެން ދެއްކި ވާހަކައެއް” ކަމަށެވެ. އަދި އެ އަދަދުތައް ބަލަންވާނީ ޑޮލަރުން ކަމަށާއި، 2018 ވަނަ އަހަރު ލިބުނު 1.3 ބިލިއަން ރުފިޔާއަކީ 81 މިލިއަން ޑޮލަރު ކަމަށާއި، މިހާރުގެ އަންދާޒާތަކުން 2024 ގައި ލިބޭނެ ކަމަށް ބެލެވޭ 1.1 ބިލިއަން ރުފިޔާއަކީ 55 މިލިއަން ޑޮލަރު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެއާޕޯޓް ވިއްކާލައިގެން ޤައުމަށް ލިބެމުންދިޔަ ބޮޑު ގެއްލުމުން އަރައިގަނެ، އެއީ ދިވެހި ދައުލަތަށް ބޮޑެތި ފައިދާތަކެއް ލިބޭ ތަނަކަށް ހެދީ އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close