ބައި-އިލެކްޝަންތަކުން 33 ގޮނޑި ޕީއެންސީއަށް، 24 ގޮނޑި އިންތިޚާބަކާ ނުލައި

12 ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ ކޮމެޓީތަކަށް މިއަދު ބޭއްވުނު ބައި-އިލެކްޝަންގައި ސަރުކާރު ހިއްސާވާ ޕީއެންސީން އިތުރު 9 ގޮނޑި ކާމިޔާބުކޮށްފިއެވެ.
މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 11,325 މީހުންގެ ތެރެއިން 55 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑި ޕީއެންސީން ވަނީ ކުރިން ކާމިޔާބުކޮށްފައެވެ. ވޯޓުލީ މީހުންގެ ތެރޭގައި 3,292 އަންހެނުންނާއި 2,983 ފިރިހެނުން ހިމެނެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވަމުން ވިދާޅުވީ، އަތޮޅު ކައުންސިލްގެ ރައީސްކަމުގެ އެއް ގޮނޑިއާއި ކައުންސިލް ރައީސްކަމުގެ އެއް ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 29 ގޮނޑި މިހާތަނަށް ޕީއެންސީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. މި ކާމިޔާބީ ހޯދުމަށް އެހީތެރިވި އެންމެހާ ރައްޔިތުންނަށާއި ވޯޓުލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހދ. މަކުނުދޫ ކައުންސިލް މެންބަރަކު ހޮވުމަށާއި ނ. ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށެވެ. މީގެ އިތުރުން ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެންބަރުން ހޮވުމަށް ވޯޓުލުން ބޭއްވުނެވެ.
ފާހަގަކޮށްލެވެނީ މިއީ މިއަހަރުގެ ފުރަތަމަ ބައި-އިލެކްޝަންކަމާއި، މިދިޔަ އަހަރު އޯގަސްޓް މަހު ގެނެވުނު ގާނޫނީ އިސްލާހާ ގުޅިގެން މިހާރު ބައި-އިލެކްޝަން ބޭއްވެނީ އަހަރަކު ދެފަހަރު ކަމެވެ. މި އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ ބައި-އިލެކްޝަންތަކަށް ދައުލަތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުމެވެ. ކުރިން ގާނޫނުގައި އޮތީ ކައުންސިލް ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭ ގޮތަށެވެ.

