ކަމަދޫ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ފުރުސަތު ސިޔާމް ހުޅުވާލައްވައިފި

ބ. ކަމަދޫގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ފުރުސަތު ހުޅުވާލައްވައިފިކަމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ފުރުސަތު ހުޅުވާލެއްވީ ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެހީތެރިކަމާއެކުގައެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކަމަދޫ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ސަން ސިޔާމް ކެއާގެ ދަށުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ސިޔާމް ވަނީ ނިންމަވާފައެވެ.
މި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްސަ ފޯމެއް ކައުންސިލުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، މި އެހީތެރިކަން ހަމަޖެއްސުމުގެ ކުރިން ކައުންސިލާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުނެވެ. އަދި އެހީ ލިބޭނެ މިންވަރާއި ހާލަތްތައް ކަނޑައަޅާނީ ސަން ސިޔާމް ކުންފުނިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހުގައި ކަމަށާއި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

