ހުޅުމާލެއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަގަށް ހެޔޮކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން “އެކްސް”ގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އެ ވުޒާރާއިން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، މެނިފެސްޓޯގައިވާ ވައުދު ފުއްދުމަށްޓަކައި ހުޅުމާލޭން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ޝެޑުތަކުން ވިއްކާ އަދަށް ހެޔޮކޮށްފައިވާ ކަމަށެވެ.
ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރި ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގަށް ބަދަލު ގެނެސްފައިވާއިރު، މިހާރުވެސް މިފްކޯގެ މަސް ކާރުޚާނާތައް ހުންނަ ރަށްރަށުން މަސްވެރިންނަށް ޑީސެލް ފޯރުކޮށްދެމުން ދަނީ ޚާއްސަ އަގެއްގައެވެ. އަދި މީގެ ދެ ހަފްތާ ކުރިން ވެސް އެސްޓީއޯއިން ވެސް ވަނީ ތެލުގެ އަގު ހެޔޮކޮށްފައެވެ.
އެގޮތުން ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. މި ބަދަލާއިއެކީ ޕެޓްރޯލް ލީޓަރެއް 12.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 13.92 ރުފިޔާއަށް ލިބޭނެއެވެ.
އެ ވުޒާރާއިން މިކަން އިއުލާނު ކުރުމާއި އެކީ، ލޭނު އަޅަން ސަރުކާރުން ހުއްދަ ދޭން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ އިހުތިޖާޖު ވެސް ބޮޑު ކަންނެލި މަސްވެރިން ވަނީ ނިންމާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...