ޖޫންމަހު ނ. އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފަށަނީ

އަންނަ ޖޫން މަހު ނ. އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ފަށާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ނ، ރ، ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފަށަން ނިންމާފައިވާ އެގޮތުން އަންނަ ޖޫން މަހު ނ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފެށިގެންދާނެކަމަށެވެ.
އަދި މީގެ އިތުރުން ކުރިއަށް އޮތް އޯގަސްޓް މަހު ރ. އަތޮޅުގައި އަދި ސެޕްޓެމްބަރު މަހު ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމްޓީސީސީއާއި ހަވާލުކޮށްގެން ދެމުންގެންދާ އާރްޓީއެލްގެ ޚިދުމަތް މިހާރު ދެމުންގެންދަނީ ރާއްޖެ ބަހާލާފައިވާ 6 ޒޯނުގެ ތެރެއިން 4 ޒޯނެއްގައެވެ. އެ ހަތަރު ޒޯނަކީ;
ޒޯން 1: ހއ. ހދ. އަދި ށ. އަތޮޅު
ޒޯން 2: ޅ. އަތޮޅު
ޒޯން 5: ގއ. އަދި ގދ. އަތޮޅު
ޒޯން 6: ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީ
އާރްޓީއެލްގެ ޚިދުމަތް ނުފެށި ހުރި ޒޯންތަކަކީ ޒޯން 3 އަދި ޒޯން 4 އެވެ. އަދި މީގެ އިތުރުން ޒޯން 2 ގެ 3 އަތޮޅު ކަމުގައިވީ ނ, ރ, ބ އަތޮޅުގައި މިޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.


