ޓައިވާންގެ އާ ރައީސްގެ އިންޒާރެއް ޗައިނާއަށް: ބިރުދެއްކުން ހުއްޓާލަން ޖެހޭ

ޓައިވާންގެ އާ ރައީސްގެ އިންޒާރެއް ޗައިނާއަށް ދެއްވައިފިއެވެ.
ޓައިވާނުގެ އާ ރައީސް ލައި ޗިންގް ވިދާޅުވީ ޗައިނާ އިން ޓައިވާނަށް އިންޒާރުދީ ބިރު ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަވެސް ލައި ގޮވާލެއްވީ ޗައިނާއިން ޓައިވާނަށް ދެމުންދާ އިންޒާރުތަކާއި ދައްކަމުންދާ ބިރު ހުއްޓާލުމަށެވެ.
ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ލައިގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މިދިޔަ ހޯމަ ދުވަހު ބާއްވާފައި ވަނީ މިހާރުގެ އާ ނައިބު ރައީސް ސިއާއޯ ބިކިމްއާ އެކުގައެވެ. ސިއާއޯއަކީ ކުރިން ޓައިވާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި އެންވޯއީގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ.
ހުވާކުރެއްވުމަށްފަހު ދެއްވި ތަގުރީރުގައި ލައި ވިދާޅުވީ ޓައިވާންގެ ސުލްހަ ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި ޑިމޮކްރެސީގެ ރީތި އުސޫލުތަކުގެ މަތިން ގައުމު ހިންގަވާނެ ކަމަށެވެ. އަދި ޓައިވާނަކީ ޑިމޮކްރަސީގެ ބައިނަލްއަގުވާމީ ޗެއިންގެ “މުހިންމު ލިންކެއް” ގެ ގޮތުގައި ސިފަ ކުރައްވައި، އެ ގައުމުގެ ސިޔާދަތު ދިފާއު ކުރުމުގެ އަޒުމް ތަކުރާރު ކުރެއްވިއެވެ.
ލައި ވިދާޅުވީ ޒަމާނުއްސުރެ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ދެކެމުން އަންނަ ޗައިނާއިން ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް ޓައިވާނުން ދުވަހަކުވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ލައި ވަނީ 2020 ވަނަ އަހަރުން ފެށިގެން ޓައިވާނުގެ ކުރީގެ ރައީސް ޓްސައިގެ ނައިބު ރައީސްގެ މަގާމާއި އޭގެ ކުރިން އެކަމަނާގެ ޕްރިމިއާގެ މަގާމުވެސް އަދާކުރައްވާފައެވެ. ޒުވާން ދުވަސްވަރު އޭނާއަކީ ޓައިވާނުގެ މިނިވަންކަމަށް ފާޅުގައި ގޮވާލި ސިޔާސީ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން އިންތިހާބުގެ ކުރިން އޭނާ އަކީ “މައްސަލަ އުފައްދާ މީހެއް” ކަމަށް ޗައިނާއިން ވަނީ ލޭބަލްކޮށްފައެވެ.


