ކާށިދޫ ދައިރާއަށް އެމްޑީޕީން ޖާބިރު ނޫން ކެންޑިޑޭޓެއް ނެރުން ހުއްޓުވުމުގެ އަމުރެއް ނެރެނުދިން

އިދިކޮޅު އެމްޑީޕީން ކާށިދޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެެވެ.
ސިވިލް ކޯޓުން މިފަދައިން ނިންމާފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ބޭފުޅަކު ހޮވަން ބޭއްވި ޕްރައިމަރީ، އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަބްދުﷲ ޖާބިރު ކާމިޔާބުކުރި ނަމަވެސް އޭނާގެ އަތުން ޓިކެޓު އަތުލައި، އެމްޑީޕީން އެހެން ކެންޑިޑޭޓަކު ނެރެފައިވާތީ އެކަން ހުއްޓުވައިދޭން އެދި ޖާބިރު އެމްޑީޕީއާ ދެކޮޅަށް އެކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ޖާބިރަށް ޓިކެޓު ނުދޭން އެމްޑީޕީން ނިންމީ ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދި ކެންޑިޑޭޓަކަށްވެހުރެ މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލު ކުރަމުންދާކަމަށް ބުނެއެވެ.
މިކަމާއި ގުޅިގެން ޖާބިރު ހުށަހެޅި މައްސަލަގައި ބުނެފައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވަނީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 20 ވަނަ މާއްދާއާ ހިލާފަށް ކަމަށާއި، އެ މައްސަލަ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ނުބަލައި 11 ފެބްރުއަރީގައި ޓިކެޓް އެހެން މީހަކަށް ދިނުމަކީ އޭނާގެ އިންތިޚާބީ ހައްޤަކަށް ކަނޑައެޅިގެން އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
އެހެންވެ އާ ކެންޑިޑޭޓުގެ ޓިކެޓް ކެންސަލް ކުރުމުގެ ކޯޓު އަމަރެއް ނެރެދީ، އެމްޑީޕީން ހިންގި އެ އަމަލުގެ ސަބަބުން ޖާބިރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އެ މައްސަލައިގައި އޭނާ އެދިފައިވެއެވެ.
އަދި އެ މައްސަލަ ސިވިލް ކޯޓުން ބަލައި ނިމެންދެން އޭނާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އެމްޑީޕީގެ ފަރާތުން ނެރުނު ކެންޑިޑޭޓުގެ ޓިކެޓު ހިފެހެއްޓުމުގެ ވަގުތީ އަމުރެއް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ނެރުމަށް އޭނާ އެދިފައިވެއެވެ.
މިކަމާއި ގުޅިގެން ސިވިލް ކޯޓުން ނިންމީ މިހާރު އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކެންޑިޑެސީ ފޯމުތައް ބަލައިގަނެ ކެންޑިޑެސީގެ ކަންކަން ނިންމާފައިވާތީއާއި، އިލެކްޝަންސް ކޮމިޝަނަކީ މައްސަލައިގެ ދައުވާ ރައްދުވާ ފަރާތަކަށް ނުވާތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
