އުތުރު ކޮރެޔާގެ އަސްކަރިއްޔާ ހަނގުރާމައިގެ ތައްޔާރީ ހާލަތަކަށް ގެންނަން އެ ޤައުމުގެ ޒައީމް ކިމް ޖޮންގ އުން ގޮވައިލައިފިއެވެ.
އޭނާ މި ކަމަށް ގޮވައިލާފައި ވަނީ, އުތުރު ކޮރެޔާގެ ހުޅަނގުގައި އޮންނަ އަސްކަރީ މަރުކަޒަކަށް ކުރި ޒިޔާރަތެއްގައެވެ. އޭނާ އަސްކަރީ މަރުކަޒަށް ޒިޔާރަތް ކޮށްފައި މި ވަނީ, އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފެށުމާ ދިމާކޮށެވެ.
އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ‘ފްރީޑަމް ޝީލްޑް’ގެ ނަމުގައި ކޮންމެ އަހަރަކު ވެސް އަސްކަރީ ތަމްރީނުތަކެއް ބާއްވާއެވެ. މިއީ, އުތުރު ކޮރެޔާއިން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ތަމްރީނުތަކެއް ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ. ހުސްވި އަހަރާ އަޅައިބަލާއިރު, މި އަހަރުގެ ތަމްރީނުތަކުގައި ދެގުނަ އިތުރަށް ސިފައިން ބައިވެރިވެއެވެ.
މި ތަމްރީނުތަކާ ގުޅޭ ގޮތުން ކިމް ބުނީ, އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ހާލަތަކަށް ތައްޔާރުގައި އޮންނަން ޖެހޭ ކަމުގައެވެ. އަދި, އަސްކަރީ ތަމްރީނުތައް އިތުރުކޮށް, ފުޅާކޮށް, އަަސްކަރިއްޔާގެ ގާބިލު ކަން އިތުރު ކުރުމުގައި ދެމިއޮންނަން ޖެހޭނެ ކަމުގައެވެ. އުތުރު ކޮރެޔާގެ އަސްކަރިއްޔާއިން ވެސް މިހާރު ދަނީ, މެދުކެނޑުމެއް ނެތި ތަމްރީނުތައް ބާއްވަމުންނެވެ.
އެމެރިކާއާއި ދެކުނު ކޮރެޔާއިން ގުޅިގެން ހިންގަމުންދާ އަސްކަރީ ތަމްރީނުތައް ވަގުތުން ހުއްޓައިލުމަށް ވެސް އުތުރު ކޮރެޔާއިން ގޮވައިލާފައިވެއެވެ. އުތުރު ކޮރެޔާއިން ބުނީ, އެެއީ އުތުރު ކޮރެޔާއަށް އެރުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ތަމްރީނުތަކެއް ކަމުގައެވެ.
ދެކުނު ކޮރެއާގެ މި ތަމްރީނުތަކަށް އުތުުރ ކޮރެއާއިން ފާޑު ކިޔުމުން އޭގެ ރައްދުގައި ދެކުނު ކޮރެއާއިން ބުނީ އުތުރު ކޮރެޔާއިން ދެކުނު ކޮރެޔާގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގައިފި ނަމަ, އެ ކަމަކަށް ރައްދު ދޭނެކަމުގައެވެ. އަދި, މިނިވަން ކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގައި ދެމި އޮންނާނެ ކަމަށައި، ފްރީޑަމް ޝީލްޑްގެ ނަމުގައި ހިންގަމުންދާ އަސްކަރީ ތަމްރީނުތައް މާރިޗު 14 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމުގައެވެ.
ހަނގުރާމައިގެ ތައްޔާރީ ހާލަތަކަށް އަސްކަރިއްޔާ ގެނައުމަށް އުތުރު ކޮރެޔާގެ ޒައީމް ގޮވައިލައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...