ކެބިން ކުރޫއަށް ފުރައްސާރަކުރި ދިވެހި މީހާ ދިހަ ޑޮލަރު ގެ ބިޔަރު ދަޅަކަށް ސަތޭކަ ޑޮލަރު ދިން

މިދިޔަ ހުކުރު ދުވަހު މާލެއިން ފުރައިގެން އައި އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި ދެ އަންހެން ކެބިން ކްރޫއަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު، ކެބިން ކުރޫއަށް ފުރައްސާރަކުރި ދިވެހި މީހާ ދިހަ ޑޮލަރު ގެ ބިޔަރު ދަޅަކަށް ސަތޭކަ ޑޮލަރު ދިން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބެންގަލޫރު އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ އަކްރަމް އަޙްމަދު، 51 އެވެ.
އިންޑިއާގެ ޚަބަރުތަކުން މައުލޫމާތުދޭގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސޯރައިސިސް އަށް ފަރުވާ ދިނުމަށް ބެންގަލޫރަށް ދިޔަ މީހެއްކަމަށާއި މި މައްސަލަ ފެންމަތިވީ އެއާލައިންގެ މެނޭޖަރު ފުލުހަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ.
އެގޮތުން މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:45 އިން ހަވީރު 6:00 އާ ދެމެދު މާލެއިން ބެންގަލޫރަށް ދަތުރުކުރި އިންޑިގޯ ފްލައިޓް 6އީ 1128 ގައި ކަމަށް އެ ފްލައިޓުގެ މެނޭޖަރު ވިދާޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓު ފުރުމާ އެކު އަހްމަދު ވަނީ އުމުރުން 20 އަހަރުގެ ފްލައިޓް އެޓެންޑެންޓެއްގެ ގާތުގައި ބިޔަރު ފުޅިއަކަށް އޯޑަރު ދީފައިވާކަމަށާއި، އޭނާގެ އެދުމަށް ކެބިންކުރޫ ބިޔަރު ފުޅި ގެނެސްދިނުމުން “ތިކަހަލަ އަންހެން ކުއްޖަކު ހޯދާތާ 51 ވެއްޖެކަމަށާއި، ހުސް ވަގުތެއް ލިބޭނީ ކޮން އިރަކުންތޯ” އަހްމަދު އަހާފައިވާކަމަށް އިންޑިއަން އެކްސްޕްރެސް ނޫހުގައި ބުނެފައިވެއެވެ.
އަދި 10 ޑޮލަރުގެ ބިޔަރަކަށް 100 ޑޮލަރު ކެބިންކުރޫއަށް ދީ، އެ ބަދަލު ހިފަހައްޓަން އެދުނު ކަމަށާއި ކެބިންކުރޫ އެކަމާ ދެކޮޅު ހެދުމުން ބޭއަދަބީ ބަހުރުވައިން ވާހަކަދައްކައި، އެ ކެބިންކުރޫގެ ގައިގައި އަތްލައި އުދަނގޫކޮށްފައިވާކަަމަށް މައުލޫމާތު ލިބެއެވެ.
އޭގެ ފަހުން އަހްމަދު އަނެއްކާވެސް ކުރޫންނަށް ގޮވި ކަމަށާއި އެފަހަރު އޭނާ ގާތަށް ދިޔައީ 21 އަހަރުގެ އެހެން ކެބިންކުރޫއެއް ކަމަށްވެއެވެ. އެ ކުރޫއަށްވެސް އަހްމަދު ފުރައްސާރަކުރި ކަމަށާއި ބޯޓުގައި 3 ފަހަރަށް ތެދުވެ ކުރޫންނަށް ގޮވައި އުދަނގޫ ކުރިކަމަށްވެސް މައުލޫމާތުލިބެއެވެ. އޭގެ ބަދަލުގައި ދިޔައީ އުމުރުން 21 އަހަރުގެ އެހެން ފްލައިޓް އެޓެންޑެންޓެކެވެ.
އަހްމަދުގެ ފުރައްސާރަ އިތުރުވުމުން ކެބިންކުރޫއިން އެކަން އެމީހުންގެ އިސްވެރިންނާއި ހަމައަށް ފޯރުކޮށްފައިވާއިރު، ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމާއެކު އަހްމަދު ވަނީ އެއާޕޯޓުގެ ސެކިއުރިޓީންނާ ހަވާލުކޮށްފައިކަމަށް އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެއެވެ.
