
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލުން ގެކޮޅަށް ބަދަލުކުރުމަށް އެހީތެރިވުމަށް ރާއްޖެއަށް އައިސްގެން އުޅޭ ޔޫރޮޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދުގެ ކިބައިން ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައިވަނީ އިންތިހާބު އޮބްޒާވްކުރުމަށް ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރު ނާޗޯ ސަންޗެޒް އަމޯ ހިމެނޭ ގޮތަށް ރާއްޖެ ވަޑައިގެންއުޅުއްވާ އީޔޫ ވަފްދުގެ އަރިހުންނެވެ. އެ ވަފްދުގެ ބޭފުޅުން މިއަދު ވަނީ މަޖިލީސް އިދާރާއަށް ވަޑައިގެންފައެވެ.
މި ބައްދަލުވުމާއި ގުޅިގެން މަޖިލީހުން ބުނީ އިންސާފުވެރި، މިނިވަން އިންތިޚާބެއް ބޭއްވުމަށްޓަކައި ރައީސް ޢަބްދުالله ޔާމީން ގެއަށް ބަދަލުކުރުމަށް އެހީތެރިވުމަށް، ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެންއުޅުއްވާ އީޔޫ ވަފްދުގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންފައިވާކަމަށެވެ.
އާރަށު މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ނިމުނު އަހަރުގެ ޑިސެންބަރު މަހުގައެވެ. އެހުކުމް ކުރެއްވި ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ހައިކޯޓަށް ޕްރޮމޯޓުކޮށްފައިވާއިރު، ރައީސް ޔާމީނުގެ ފަރާތްޕުޅުން އެ މައްސަލަ ފެބްރުއަރީ މަހުގައި ހައިކޯޓުގައި އިސްތިއުނާފުކުރެއްވިއެވެ.
ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ޖޫން މަހުގައި ފެށުމަށްފަހު ޖުލައި މަހުގެ ފަހުކޮޅުގައި ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެން އަޑުއެހުންތައް ހުއްޓުނެވެ. އެކަމުގެ ސަބަބުން އިސްތިއުނާފު މައްސަލަ ނުނިމި، އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމް ދެމިއޮތުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނެވެ.
ރިޔާސީ ކެންޑިޑެސީ އެންމެ ފުރަތަމަ ހުށަހެޅުއްވި ބޭފުޅަކީ ރައީސް ޔާމީނު ނަމަވެސް އެ ފޯމު ބަލައިނުގަތުމަށް އިލެކްޝަނުން ނިންމުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ. އެކޯޓުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމުގައި ކަނޑައެޅިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށްފަހުގައި އެމަނިކުފާނުވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ނިމުނު ހަފުތާގައި އެ މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ބޭއްވިއެވެ.
މި މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން އެ މައްސަލާގައި ގޮތް ނިންމައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންނަށް އަންގަވާފައިވެއެވެ. އެގޮތުން ޖޫރިމަނާ ހުކުމް ފަސްކުރުމުގެ އަމުރެއް ނެރެފައިވާކަމަށާއި، ނަމަވެސް ޖަލު ހުކުމް ފަސްކުރުމުގެ އަމުރެއް ނެރެވެން ނެތްކަމަށް ކޯޓުން އަންގާފައިވާކަމަށް އެމަނިކުފާނުގެ ވަކީލު އާދަމް ޝަމީމު ވިދާޅުވިއެވެ.

