ފާރިސް ނިންމެވީ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވަން

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެެ.
ރިޔާސީއިންތިޚާބާ މެދު އެމަނިކުފާނު ނިންމެވި ގޮތް މިއަދު އާންމު ކުރައްވަމުން ފާރިސް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އެނިންމުން ނިންމެވީ ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން ގައުމު އިސްލާހު ކުރެއްވުމުގެ މަގުސަދުގައި ކަމަށް ފާރިސް އާންމު ކުރެއްވި ކުރު ވީޑިއޯގައި ވިދާޅުވެފައިވެއެވެ.
ފަރިސް ނިސްބަތްވާ އެމްއާރްއެމް 3000 މެމްބަރުން ހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އުވާލާފައިވާ ކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް އެކަން އެޕާޓީން ގަބޫލެއް ނުކުރެއެވެ. އެހެންވެ އެމައްސަލަ މިހާރުވަނީ ކޯޓަށް ހުށަހަޅައިފައެވެ.
ފާރިސް އަމިއްލަ ގޮތުން ކުރިމަތިލާން ނިންމީ އެމްއާރުއެމް އުވާލުމުގެ މައްސަލަ މިހާރު ކޯޓު މަރުހަލާގައި އޮތުމުން، ޕާޓީގެ ނަމުގައި ކުރިމަތިލާން ގޮންޖެހުންތަކަކާ ކުރިމަތިވެދާނެތީއެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެނައުމަށް އެމްއާރްއެމް އިން ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. ނަމަވެސް ސަރުކާރު ނިމެން ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެމްއާރްއެމްގެ ބައެއް މެންބަރުން ވަނީ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭކަން ހާމަ ކޮށްފައެވެ.
މީގެ ހަފުތާއެއްހާ ދުވަސްކުރިން އެމްއާރުއެމްއިން ވަނީ ޖުމްހޫރީ ޕާޓީއާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ދައުވަތު އެމްއާރްއެމްއިން ގަބޫލުކުރައްވައިފައެއް ނުވެއެވެ.

