އަދީބު ސިންގަޕޫރަށް ފުރީ 10 ދުވަހުގެ ހުއްދައެއްގެ ދަށުން: ސަރުކާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރީ 10 ދުވަހުގެ ހުއްދައެއްގެ ދަށުން ކަމަށް ސަރުކާރުން ބުނެފި އެވެ.
ކަރެކްޝަންސް އިން ބުނީ ނާރުގެ ސީރިއަސް ބައްޔަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ކަރެކްޝަންސް އިން ހުއްދަ ދިނީ ރާއްޖޭގައި ފަރުވާ ދެވެން ނެތް ބަޔަކަށް ފަރުވާ ހޯދުމަށް ކަމަށެވެ.
އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑީގައި ހުރި އެކެކެވެ. ހިޔާނާތް ހިންގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުން ޔާމީނަށް ވެސް ބޮޑެތި މަންފާތަކެއް ލިބިވަޑައިގެންފައިވެ އެވެ. ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަދީބު ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރިޔަސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވެއެ ވެ. އެހެންވެ، އޭނާއަށް ލުއި އަދަބެއް ދީ ގޭ ބަންދުގައި ބަހައްޓާފައި ހުރުމުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ސް އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި ދެ މިލިއަން ރުފިޔާ ޖޫރިމަނާކުރި އެވެ. ދައުލަތުން އަދީބާ އެކު އިއުތިރާފު އެއްބަސްވުމެއް ވެސް ހަދައި އޭނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސްފައިވެ އެވެ.

