ޚަބަރު

ސޫދާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާދިން ހުސައިން، ވަރުގަދަ ކުރިމަތިލުންތަކެއްގައި މަރުވެއްޖެ

ސޫދާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ވާދަވެރި އަސްކަރީ ފެކްޝަންތަކުގެ މެދުގައި ބަދަލު ކުރެވުނު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން ދަނިކޮށް ސޫދާންގެ މަޝްހޫރު ލަވަކިޔުންތެރިއަކު މަރުވެއްޖެކަމަށް ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.  

އަރަބިނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަވަކިޔުންތެރިޔާ ޝާދިން ހުސެއިން މަރުވީ ސޫދާނުގެ އަސްކަރިއްޔާއިން ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ހަނގުރާމަ ކުރަމުން ދަނިކޮށް، ވެރިރަށް ޚަރްތޫމް ކައިރީގައި އޮންނަ އޮމްދުރުމަންގައި ހުންނަ އޭނާގެ ގޭއަށް އެރިހަމަލާ ތަކެއްގައެވެ.

ޝާދިން މަރުވި ޚަބަރާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާއަށް ޓަކައި ހިތާމަފާޅުކުރުމުގެ ޝުއޫރުތައް ބަންޑުން ކޮށްލައިފައިވާއިރު، އެއްބަޔަކު ބުނަމުންދިޔައީ އެއީ ސޫދާންގެ ހުރިހާ ރައްޔިތުން ހިތްހަމަޖައްސައިދިން މަޤްބޫލު ލޯބިވާ ފަންނާނެކަމަށެވެ. އޭނާ ނެތިދިއުމަކީ ސޫދާންގެ ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށް ހިތްދަތި ވޭނެކެވެ.

އަލް ހަކަމާ ޝެޑެންގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ މި އާޓިސްޓުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ސޫދާނުން މިހާރު ހިނގަމުންދާ ލޭއޮހޮރުވުމާ ގުޅިގެން ގިނަބަޔަކު ހިތާމައާއި ރުޅިވެރިކަން ފާޅުކުރި އެވެ.

ފޭސްބުކްގައި އެތައް ހާސް ފޮލޯވަރުންނާއެކު އޭނާ ހަރަކާތްތެރިވަމުން ދިޔައިރު، އޭނާގެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭ ގޮތުން އާންމުކޮށް ޕޯސްޓު ކުރަމުން ދިޔަ އެވެ.

އޮމްދުރުމަންގައި ހިނގަމުންދާ ހަލަބޮލިކަމާއި ފުޅާ ދާއިރާއެއްގައި ފޭރުމުގެ ހާދިސާތަކާއި، އޭނާ އާއި އޭނާގެ އާއިލާ ތާށިވެ، އެތަނުން ނުނިކުމެވޭ ގޮތް ވެފައިވާ ކަމަށް ބުނެ އޭނާ ވަނީ މީގެ ކުރިން ކޮށްފައިވާ ޕޯސްޓުތަކުގައި ލިޔެފަ އެވެ.

ސޫދާންގެ ހުޅަނގުގައި އޮންނަ ކޮރްޑޯފާން ޕްރޮވިންސަށް ނިސްބަތްވާ ޝެޑެން މަޝްހޫރުކަން ހޯދީ 2016 ވަނަ އަހަރު އެވެ.

އޭނާ ދިރިއުޅުނު އަވަށަކީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ހަނގުރާމަ ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އާރްއެސްއެފްގެ ބާރުގެ ދަށަށް ގެންދިޔަ އަވަށަކަށް ވުމުން އެއީ ސޫދާނުގެ އަސްކަރިއްޔާގެ ހަމަލާތައް ވަރަށް ގިނައިން އަމާޒުވާ އަވަށެކެވެ. އެއީ ސޫދާނުގެ ދައުލަތުގެ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތައް ހުންނަ ކޮމްޕްލެކްސްއެކެވެ.

ޝާދިން މަރުވި ކަމުގެ ޚަބަރު ފެތުރިފައި މިވަނީ އާރުއެސްއެފް އާއި ސޫދާންގެ އަސްކަރިއްޔާ އިން އެމެރިކާ އާއި ސައޫދީގެ މެދުވެރިވުމާއެކު އާންމުން ހިމާޔަތްކޮށް އިންސާނީ ވަސީލަތްތައް ކަށަވަރުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އާދީއްތަ ދުވަހު ވެސް ޚަރްތޫމްގެ ބައެއް ސަރަހައްދުތަކަށް ބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތައް ދެމުން ދިޔައިރު، ހަނގުރާމަވެރި އަސްކަރީ ފެކްޝަންތައް ފަހަތަށް ޖެހެން ތައްޔާރަށް ތިބިކަމުގެ ނިޝާނެއް ނުފެނެއެވެ.

ސައުދީ އަރަބިއްޔާގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް މި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ގެދޮރު ގެއްލުނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close