ކުޅިވަރު

އެފްއޭ ކަޕްގެ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރު ކޮށްފި


ޝެފީލްޑް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭ ކަޕްގެ ފައިނަލަށް
ރިޔާދް މަހްރޭޒްގެ ހެޓްރިކުން ޝެފީލްޑް ޔުނައިޓެޑް 3-0 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ސިޓީގެ ފުރަތަމަ ގޯލު މަހްރޭޒް ކާމިޔާބުކޮށްދިނީ މެޗުގެ 42 ވަނަ މިނިޓްގައި އޭރިއާތެރެއިން ސިޓީގެ ބެނާޑޯ ސިލްވާ އަށް ޝެފީލްޑްގެ ކުޅުންތެރިން ކުރި ފައުލަކަށް ދިން ޕެނަލްޓީންނެވެ.

ދެ ވަނަ ހާފުގައި މަހްރޭޒް ވަނީ ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އެ ގޮތުން 61 ވަނަ މިނިޓްގައި ސިޓީގެ ދެވަނަ ގޯލު މަހްރޭޒް ކާމިޔާބުކޮށްދިނީ ޝެފީލްޑްގެ ދެތިން ކުޅުންތެރިން ކައިރިން ނައްޓާލައި އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

އޭގެ ފަސް މިނިޓް ފަހުން މަހްރޭޒް ހެޓްރިކް ފުރިހަމަކުރީ ޖެކް ގްރީލިޝް ތަނަވަސްކޮށްދިން ފުރުސަތަކުން ޝެފީލްޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މިއީ 1958 ވަނަ އަހަރަށް ފަހު އެފްއޭ ކަޕްގެ ސެމީގައި ކުޅުންތެރިއަކު ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ.

އެފްއޭ ކަޕް ފައިނަލުގައި ސިޓީއާ ކުޅޭ ޓީމެއް އެނގޭނީ މިރޭ ބްރައިޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ ސެމީ ފައިނަލް މެޗުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close