ބްރިޖް ނިންމަން ޖެހޭ ތާރީޚު ފަސްކޮށްފައި ނުވާނެ – އަސްލަމް
ބްރިޖްގެ މަސައްކަތް ނިންމުމަށް އެފްކޮންސަށް ދީފައިވާ ތާރީޚު ފަސްކޮށްފައި ނުވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ބްރިޖްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚު ކިތައް ފަހަރު ފަސްކޮށްފައިވޭތޯއާއި، އެފްކޮންސް ވިއްކާލުމުން ރާއްޖޭގެ މަޝްރޫޢުތަކަށް ކުރާނެ އަސަރާއި ގުޅޭގޮތުން މެމްބަރު ޝިޔާމް ވަނީ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެފްކޮންސްގެ މައި ކުންފުނިން އެ ކުންފުނި ވިއްކާލިނަމަވެސް އެކަމުގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް އަސަރު ކުރާނެ ސަބަބެއް ނެތްކަމަށެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖާއި، އައްޑޫ ސިޓީގެ މަގު ހެދުންވެސް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މިއީ 9 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުކެވެ.
މިނިސްޓަރ ވިދާޅުވީ ބޮޑެތި ކުންފުނިތަކުން ކުންފުނީގެ ޙިއްސާ ވިއްކުމަކީ ކުރަމުން އަންނަ ކަމެއްކަމަށެވެ. ނަމަވެސް އެފްކޮންސް ވިއްކާލިނަމަވެސް ރާއްޖޭގެ މަޝްރޫޢުތަކަށް އަސަރު ނުކުރާނެކަމުގެ ޔަގީންކަންދެއްވާކަމަށާއި، ޕްރޮޖެކްޓްގެ ކޮންޓްރެކްޓް މިހާރު އޮތްގޮތަށް، މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ.
ޕްރޮޖެކްޓްގެ ކޮންޓްރެކްޓްކުރެވިފައިވާ ތާރީޚާއި ގުޅޭގޮތުން ޝިޔާމް ކުރެއްވި ސުވާލަށް މިނިސްޓަރ ވިދާޅުވީ، ޕްރޮޖެކްޓްގެ ކޮންޓްރެކްޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި ޕްރޮޖެކްޓްގެ މުއްދަތު އިތުރުކުރުމުގެ އެއްވެސް އެެއްބަސްވުމެއް ހަދާފައި ނޯންނާނެކަމަށެވެ.
“އެއްވެސް ތާރީޚެއް ކޮންޓްރެކްޓަރަށް އިތުރުކުރި ހަނދާނެއް ނުވޭ. ކޮންޓްރެކްޓް އޮތީ ފުރަތަމަވެސް ހެދި ތާރީޚުތަަކަށް. އިތުރަށް ވަގުތު އިތުރުކޮށް އެކްސްޓެންޝަންއެއް ދީފައެއް ނުވާނެ. ނަމަވެސް ކޮންޓްރެކްޓަރަށް ކްލެއިމް ކުރެވިދާނެ ކަމެއް ހުރެދާނެ. އެ ހާލަތުގައި ގޮތް ނިންމާނީ އިންޖިނިއަރުންގެ އެހީގައި.” މިނިސްޓަރ ވިދާޅުވިއެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް ޕްރޮޖެކްޓަށް އެފްކޮންސްއާއެކު ކޮންޓްރެކްޓް ހަދާފައިވަނީ މިއަހަރުގެ ނިޔަލަށް، މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް، ތިލަފުއްޓާ ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށެވެ. ބްރިޖްގެ ތަނބުތަކުގެ މަސައްކަތާއެކު، ބްރިޖްގެ ޑެކްގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މުޅި މިމަޝްރޫޢަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

