މަނަދޫ މަރު: ނައީމާގެ މަރާގުޅިގެން ސީސީޓީވީ ކެމެރާ ހަރުކުރަނީ
ނ.މަނަދޫގައި އަނިޔާވެރިގޮތަކަށް މަރާލި ނައީމާގެ މަރަށްފަހު އެރަށުގެ އެކި ސަރަޙައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
މަނަދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ރަށުގެ އެކިތަންތަނުގައި ސެކިއުރެޓީ ކެމެރާ ހަރުކުރަން ބޭނުންވާތީވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ކަމަށެވެ.
މަނަދޫ ކައުންސިލުން މިއަދު ޢާއްމު ކުރި އިޢުލާންގައި ބުނީ އޭޕްރިލްމަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވާން ޖެހޭނެކަމަށެވެ. އަދި އޭޕްރިލްމަހުގެ 18 ވަނަ ދުވަހުގެ 13:15 ގައި މަނަދޫ ކައުންސިލް އިދާރާގައި އެކަމަށް އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނެކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.
އެއިއުލާންގައި ބުނެފައިވަނީ ބިޑް ހުށަހެޅުން އޮންނާނީ އޭޕްރިލްމަހުގެ 27 ވަނަ ދުވަހުގެ 13:15 ގައި މަނަދޫ ކައުންސިލްގެ އިދާރާގައި ކަމަށެވެ.
މަނަދޫ ކައުންސިލުން ކުއްލި ގޮތަކަށް އެރަށުގެ އެކި ތަންތަނުގައި ސެކިއުރެޓީ ކެމެރާ ލުމަށް ނިންމާފައިވަނީ، މިދިޔަ ހުކުރުދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައިމާ މޫސާގެ މަރަށް ފަހުއެވެ.
ނައީމާގެ މަރަށްފަހު އެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.


