ބޭރުދުނިޔެ

ކަޅުނަސްލުގެ 17 އަހަރުގެ ކުއްޖަކު އެމެރިކާ ފުލުހަކު ބަޑިޖަހައި މަރާލައިފި

އެމެރިކާގެ ޓްރެފިކް ބަލަހައްޓަން އުޅުނު އޮފިސަރަކު 17 އަހަރުގެ މާޓިން ނަމަކަށް ކިޔާ ކަޅު ނަސްލުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިކަމަށް ބީބީސީ އިން ރިޕޯޓް ކޮށްފިއެވެ.

މި ހާދިސާގެ ސަބަބުން ރުޅިވެރިކަމާއި އިންސާފަށް ގޮވާލުމުގެ އިތުރުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ތަހުގީގެއް ވެސް ފަށާފައެވެ.

ފުލުހުން ބުނި ގޮތުގައި މާރޗް މަހުގެ 18 ވަނަދުވަހު ހިނގި މިހާދިސާގައި މާޓިން ނިދާފައި އޮތީ ޕާކުކޮށްފައި އޮތް، ވަގަށް ނަގާފައިވާ އެސްޔޫވީއެއްގައި ކަމަށް ވާއިރު، އޮފިސަރުން ވަނީ އެ އުޅަނދާ ކައިރިވެފަ އެވެ. ބޮޑީކެމް ފޫޓޭޖުން ފެންނަ ގޮތުގައި އެ އޮފިސަރުންގެ ތެރެއިން އެކަކު ކާރުގެ ފަހަތު ސީޓަށް ވަދެފައިވާއިރު، އެހެން އޮފިސަރަކު ވަނީ ޑްރައިވަރުގެ ދޮރު ހުޅުވާފައެވެ. އަދި މާޓިން ހޭލައިގެން ދުއްވާލަން އުޅުނު އިރު، އޮފިސަރު އަދިވެސް ކާރުގައި އިންތަން ވެސް ފޫޓޭޖުން ފެނެ އެވެ. އެއަށްފަހު އޮފިސަރު މާޓިން ހުއްޓުވުމަށް ގޮވާލައި ފަހަތުން އެތައް ފަހަރަކު ބަޑި ޖަހާފައިވެ އެވެ. ކާރު އެވަގުތު ދުއްވާލުމުން ކުރިމަތިން ހުރިގޭގެ ފާރުވައްޓާލައި ގޭގެ ތެރެއަށް ކާރުވަދެފައިވާ މަންޒަރު ފެނެއެވެ.

މާޓިން އަށް ބަޑިޖަހައި މަރާލި އޮފިސަރަށް އަދި ދައުވާއެއް ވެސް ނުކުރެ އެވެ. އެމެރިކާގެ ޕާކް ޕޮލިސް ޔޫނިއަނުން ވަނީ އޭނާގެ އަމަލުތައް ދިފާއުކޮށް، ބާރުގެ ބޭނުން ކުރުމަކީ ޙައްޤު ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ އޮފިސަރުންގެ އުކުޅުތަކާއި މަގުސަދުތަކުގެ އިތުރުން ބަޑިޖެހުމުގެ ނަސްލީ އަސަރުތަކާ މެދު ސުވާލު އުފައްދާފައެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ މި މައްސަލައިގެ މަދަނީ ހައްގުތަކާ ބެހޭ ތަހުގީގެއް އިއުލާންކޮށް، “ފުރާނަ ގެއްލުމަކީ އަބަދުވެސް ހިތާމަވެރި ކަމެއް ނަމަވެސް ހާއްސަކޮށް ކުޑަކުއްޖަކު ބައިވެރިވާ ވަގުތު ހިތްދަތި ކަމެއް” ކަމަށް ބުނެފަ އެވެ. މާޓިންގެ މަރުގެ މައްސަލައިގައި ޖަވާބުދާރީވުމާއި އިންސާފު ހޯދައިދިނުމަށް އާއިލާ އާއި ރައްޓެހިން ވަނީ ޑިމާންޑްކޮށްފަ އެވެ.

މި މައްސަލައަކީ ފުލުހުންގެ ޓްރެފިކް ހުއްޓުވުންތައް ޚާއްސަކޮށް ނަސްލީ ތަފާތު ކުރުންތައް އިތުރުވެދާނެ ކަމުގެ އަނެއް މިސާލެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ތަމްރީނާއި އޯވަސައިޓާއި، އިސްލާހުތަކާއި ޖަވާބުދާރީވުމުގެ ބޭނުންތެރިކަމާ މެދު ސުވާލު އުފެދެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close