އިންޑޮނޭޝިއާއިން ސިންގަޕޫރަށް ބިސް އެތެރެކުރަން ނިންމައިފި
އިންޑޮނޭޝިއާ އިން ސިންގަޕޫރަށް ކުކުޅު ބިސް އެތެރެކުރަން ނިންމައިފިއެވެ.
މިއީ ދެގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ފިޔަވަޅަކީ ސިންގަޕޫރުން ބިސް ސަޕްލައިގެ މަސްދަރުތައް ތަފާތުކޮށް، ކޮންސިއުމަރުންނަށް ސްޓޭބަލް އަގުތަކެއް ކަށަވަރުކޮށްދިނުމަށް އެހީތެރިވެދޭނެ ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
އެ އެއްބަސްވުމުގެ ދަށުން އިންޑޮނޭޝިއާގެ އެގްރިކަލްޗާ މިނިސްޓްރީން ބިސް ސިންގަޕޫރަށް އެކްސްޕޯޓް ކުރުމުގެ ކުރިން ސިއްހީ ސެޓްފިކެޓް ދޫކުރާނެ އެވެ. މީގެ އިތުރުން ސިންގަޕޫރު ފުޑް އެޖެންސީން ވެސް ގަވާއިދުން މި ބިސް ޗެކްކޮށް އެގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބަލަން ފަށާނެ އެވެ.
މިހާރު ސިންގަޕޫރުގެ ގިނަ ބިސް އެތެރެކުރަނީ މެލޭޝިޔާއިން ކަމަށްވާއިރު، އެގައުމުގެ ބިސް ސަޕްލައިގެ ގާތްގަނޑަކަށް %70 ހިއްސާކުރަނީ މެލޭޝިޔާއިން ނެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ސިންގަޕޫރުން ދަނީ އެއް ގައުމަކަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ކާބޯތަކެތި އިމްޕޯޓްކުރާ މަސްދަރުތައް ތަފާތު ކުރުމަށް ބަލަމުންނެވެ.
އިންޑޮނޭޝިއާ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަޒީރާ ގައުމު ކަމަށްވާއިރު، މިއީ ގިނަ އަދަދެއްގެ ބިސް އުފައްދާ ޖަޒީރާ ގައުމެވެ. އެގައުމުން އަހަރަކު ގާތްގަނޑަކަށް 4.2 މިލިއަން މެޓްރިކް ޓަނުގެ ބިސް އުފައްދާއިރު، މިއީ ޗައިނާ އާއި އެމެރިކާއަށް ފަހު ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ބިސް އުފައްދާ ގައުމެވެ.
އިންޑޮނޭޝިއާ އިން ބިސް އެތެރެ ކުރުމަށް ސިންގަޕޫރުން ކުރި މަސައްކަތުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމަށް ބެލެވެ އެވެ. އިންޑޮނޭޝިޔާއަށް ބިސް އުފައްދާ ފަރާތްތަކަށް އާ މާކެޓެއް ހުޅުވާލާއިރު، ސިންގަޕޫރަށް ބިހުގެ ސަޕްލައި އިތުރަށް ސްޓޭބަލްކޮށް ހޯދައިދެވޭނެ އެވެ.
އަދި މި ފިޔަވަޅު އަޅާފައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަން ސިންގަޕޫރު ހިމެނޭ ގޮތަށް ގިނަ ގައުމުތަކަށް މުހިއްމު މައްސަލައަކަށް ވެފައިވާ ދަނޑިވަޅެއްގަ އެވެ. ބިމާއި ވަސީލަތްތައް މަދު ސިންގަޕޫރަކީ 5 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއަށް ކާނާ ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ކާބޯތަކެތި އިމްޕޯޓް ކުރުމަށް ބަރޯސާވެފައިވާ ޤައުމެކެވެ.
މި އެމްއޯޔޫ އަށް ފަހު ދެގައުމުގެ ދެމެދުގައި ބިސް އެތެރެކުރާ ގޮތުގެ ތަފްސީލާއި ގުޅޭ ގޮތުން މަޝްވަރާތައް ފަށާނެ ކަމަށް ބެލެވެ އެވެ. ކާމިޔާބު ވެއްޖެނަމަ ސިންގަޕޫރުގެ ރައްޔިތުންނަށް ވަރަށް އަވަހަށް އިންޑޮނޭޝިއާގެ ބިސް ސުޕަމާކެޓްތަކުގެ އަލަމާރިތަކުން ފެނިގެން ދާނެ އެވެ.




