ޓޫރިޒަމް މިނިސްޓަރގެ ތާއީދު ރައީސް ސޯލިހަށްކަން ހާމަކޮށްދެއްވީ އެފްބީގެ ކަވަރ ޕޭޖުން
ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގެންނެވި ޑރ.މައުސޫމްވެސް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިކަން ހާކޮށްދެއްވައިފިއެވެ. އެކަމަކު އޭނާ އެކަން ހާމަކޮށްދެއްވީ އޭނާގެ ފޭސްބުކު ޕޭޖްގެ ކަވަރ ފޮޓޯއިންނެވެ.
މިއީ ފާއިތުވި 24 ގަޑިއިރު ތެރޭ، ރައީސް ސާލިހުއާއެކީ ނަންގަވާފައި ފޮޓޯއެއް މައުސޫމްގެ ފޭސްބުކް ޕޭޖްގެ ކަވަރ ފޮޓޯއަށް ލެއްވި ދެވަނަ ފަހަރެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި ވަދަކުރައްވާނީ ކޮންބޭފުޅަކަށްކަން މީޑިއާގައި މިހާތަނަށް އަދި ވިދާޅުވެފައެއް ނުވެއެވެ.
އަދި ރަސްމީކޮށް މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވިކަން ހާމަ ކުރައްވާފައި ނުވިނަމަވެސް އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުން ތިއްބަވާ ސޯޝަލް މީޑިއާގެ ގްރޫޕްތަކުންނާއި، އާންމު މެމްބަރުން ހިމެނޭ ގުރޫޕްތަކުންވެސް ނިކުންނަނާވަފައެވެ. މައުސޫމް ވަރަށް އަވަހަށް ރައީސް ޞާލިހަށް ތާއީދުކުރާކަން ހާމަކުރާނެ ކަމަށް ބެލެވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ވަޒީރުކަން ލިބިވަޑައިގެންނެވި ހިސާބުން މައުސޫމް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ނުފެނެއެވެ. ޑރ.މައުސޫމް ސިޔާސީ މައިދާނަށް ނުކުންނެވީ ޑިއާރުޕީންނެވެ. އޭގެ ފަހުން ރައީސް މައުމޫނާއި އަދި އެޕާޓީގެ ކުރީގެ ލީޑަރ އަހްމަދު ތަސްމީނު އަލީ އާއިއެކުވެސް ޑރ މައުސޫމްވަނީ މަސައްކަތްކުރައްވާފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިާޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ވާދަކުރައްވާނޭކަން އިއުލާން ކުރެއްވި ހިސާބުން އެޕާޓީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ޕާޓީން ވަކިވަމުންނެވެ. މިގޮތުން މިހާތަނަށް ޖޭޕީ ދޫކޮށް ރައީސް ސާލިހު ފަޅިއަށް އަރުއްވާފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނެއެވެ.
