ޚަބަރު ރައީސް ޔާމީންގެ 11 އަހަރުގެ ޖަލުހުކުމް އިސްތިއުނާފްކުރަން އަލުން ހުށަހަޅައިފި

ރައީސް ޔާމީންގެ 11 އަހަރުގެ ޖަލުހުކުމް އިސްތިއުނާފްކުރަން އަލުން ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލާން އިއްވި ހުކުމް އިސްތިއުނާފްކުރަން އަލުން ހައި ކޯޓަށް ފޯމް ހުށަހަޅައިފިއެވެ.

އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކޮށް މަނީ ލޯންޑާކުރިކަމުގެ ކުށުގައި އިދިކޮޅު ސިޔާސީ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލާން އިއްވި ހުކުމް އިސްތިއުނާފްކުރަން އަލުން ހައި ކޯޓަށް ފޯމް ހުށަހެޅީ ކުރިން ހުށަހެޅި ފޯމްތައް ކަމުނުދާތީއެވެ.


ހައިކޯޓުގެ ތަރުޖަމާނު އަމީން ފައިސަލް “ސަން”އަށް މިއަދު ވިދާޅުވިކަމަށް އެނޫހުން ރިޕޯޓްކޮށްފައިވާނީ ރައީސް ޔާމީންގެ ވަކީލުން އިއްޔެ އިސްތިއުނާފުގެ ފޯމް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލައިގަތުމުގެ މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށެވެ.

އާރަށް މައްސަލައިގައި ޔާމީން ޖަލަށް ލާން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25ގައެވެ. އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ފުރަތަމަ ހުށަހެޅީ ހުކުމަށް ދޮޅު މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ މަހުގެ 12ގައެވެ.

ނަމަވެސް އިސްތިއުނާފުކުރަން ހުށަހެޅި ލިޔެކިޔުންތަކުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމުން، އެ ބަދަލުތައް ގެނައުމަށް ފަހު މައްސަލަ އަލުން ހުށަހަޅަން ހައި ކޯޓުން އެންގީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޔާމީންގެ އިސްތިއުނާފު ލަސްވާ ކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުންވަނީ ހައި ކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ރަޖިސްޓްރާއާ ބައްދަލުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެ ކޯލިޝަން ހިންގެވުމާ މި ވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޔާމީންގެ ޝަރީއަތް ލަސްވަނީ ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޔާމީނަށް ޖަލު ހުކުމް އިއްވިއިރު އެ މަނިކުފާނަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓެވެ. އެހެންވެ، މި މައްސަލައިގައި ނިހާއީ ހުކުމެއް ނެތި ދިގު ދެމިގެން ދާތީ އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އާރަށު މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ޔާމިނަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ޓެގް

ހައިކޯޓް ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.