ޑިޖިޓަލް ތައުލީމާއި ހުނަރު ފޯރުކޮށް ދިނުމުގައި އަންހެނުންނަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ: ރައީސް
ޓެކްނޮލޮޖިއާއި، ޓެކްނޮލޮޖީ އިންޑަސްޓްރީގެ އިތުރުން ޑިޖިޓަލް ތައުލީމާއި ހުނަރު ފޯރުކޮށް ދިނުމުގައި އަންހެނުންނަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި، ޑިޖިޓަލް މުސްތަގުބަލެއް ހޯދޭނީ އަންހެނުން ބާރުވެރި ކޮށްގެން ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކަރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުންދާ މި ދުވަހުގައި ހަދާނަށް ގެންނަން ޖެހެނީ މުޖުތަމައުގެ ކުރިއެރުމުގައި އަންހެން ކަބަލުން އަދާކުރަމުންދާ، މުހިންމު ދައުރު ކަމުގައެވެ.
އަދި އެއީ އެފަދަ ދެވަނައެއް ފަދަ ދައުރެއް ކަމަށާއި، ޑިޖިޓަލްގެ ދާއިރާއިން އަންހެނުންނަށް ހުރި ފުރުސަތު އިތުރު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރެވޭ އަންހެނުންގެ ދުވަހެވެ.
ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުން ހޯދާ އިޖުތިމާއީ، އިގްތިސާދީ، ސަގާފީ އަދި ސިޔާސީ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
އަދި ޖިންސުގެ ހަމަހަމަކަން، އަންގައިދިނުމާއި އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅިދާނެ ފިޔަވަޅު އެޅުމަށް ގޮވާލުމުގެ މައްޗަށް ވެސް މި ދުވަސް އަލިއަޅުވާލާއިފައި ވެއެވެ. މިއަމާޒަށް ވާޞިލުވުމަށް ޙަރަކާތްތަކާއި، މަޝްވަރާތަކާއި، ހޭލުންތެރިކުރުމުގެ ކެމްޕެއިންތައް ވެސް މިދުވަހުގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބާއްވައެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ޝިއާރަކީ، “އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަކަން ގާއިމް” ކުރުމެވެ.


