ރަހީނުކުރި މީހުން މެކްސިކޯއަށް ދަތުރުކުރާކަން ކުރިން ނޭނގޭ: އެފްބީއައި
މިދިޔަ ހުކުރުދުވަހު މެކްސިކޯގައި ރަހީނުކުރި އެމެރިކާގެ މީހުންގެ ތެރެއިން އެކަކުގެ އަންހެނުންނަށް އޭނާގެ ފިރިމީހާ މެކްސިކޯއަށް ދަތުރުކުރިކަން ނޭނގޭކަން ވަނީ ހާމަވެފައެވެ. އެރިކް ވިލިއަމްސްގެ އަންހެނުން މިޝެލް ވިލިއަމްސް ވަނީ ވާދަވެރި ކާޓޭލް ގްރޫޕްތަކުގެ ކްރޮސްފައިއާގައި ފިރިމީހާ ޖެހުމުން ލިބުނު ސިހުމާއި ހިތްދަތިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އެފްބީއައި އާއި މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ދިޔައީ މިދިޔަ ހުކުރު ދުވަހު މެކްސިކޯގެ މަޓަމޯރޯސްގައި ރަހީނުކޮށްފައިވާ އެމެރިކާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސައުތު ކެރޮލައިނާގެ ލޭކް ކައުންޓީން ނިސްބަތްވާ އެމެރިކާގެ ހަތަރު މީހުންގެ ގްރޫޕް މެކްސިކޯއަށް ވަދެފައިވަނީ ނޯތު ކެރޮލައިނާގެ ޕްލޭޓްތަކެއް ޖަހާފައިވާ ކާރެއްގައި ޓެކްސަސްއިންނެވެ. ރަހީނުކުރި އެމެރިކާގެ 4 މީހުންގެ ތެރެއިން ދެ މީހަކު އަންގާރަ ދުވަހު މަރުވެފައި އޮއްވާ ފެނުނުއިރު، އެރިކް ވިލިއަމްސް ދިރިހުއްޓާ ވަނީ ފެނިފައެވެ.
ނިއުސްނޭޝަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިޝެލް ވިލިއަމްސް ބުނީ އޭނާގެ ފިރިމީހާ މެކްސިކޯއަށް ދަތުރު ކުރުމުގެ ޕްލޭންތަކެއް އޮތްކަން އޭނާއަށް ނޭނގޭ ކަމަށެވެ. “އަހަންނަކަށް ނޭނގުނު އޭނާ މެކްސިކޯއަށް ދަތުރުކުރާކަން. އަހަންނަށް ހަމަ އެނގުނީ އޭނާ ދެ ރައްޓެހިންނަށް އެހީތެރިވާން ތަނަކަށް ދާކަން. ހުކުރު ދުވަހުގެ ފަހުން އޭނާގެ ޚަބަރެއް ނުވި. ހުކުރު ދުވަހުގެ ހެނދުނު މެސެޖު ކުރުމުން އަހަރެން ވަގުތުން އަނބުރާ މެސެޖު ކުރި. އެކަމަކު ފަހުން އޭނާގެ ރިޕްލައިނައި، ޖަވާބެއް ނުދިނީ، އެހެންވީމަ އަހަރެން ގަބޫލުކުރާނީ އެއީ އެމީހުން ރަހީނުކުރި ވަގުތު ކަމަށް،” މިޝެލް ވިލިއަމްސް ބުންޏެވެ.
އޮންލައިންކޮށް ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި ރަހީނުވި މީހުން ޕިކަޕް ޓްރަކެއްގެ ފަހަތަށް އަރުވާފައި ތިބި ކަމަށް ބެލެވެ އެވެ. ނަމަވެސް ވިލިއަމްސް ބުނީ އާންމުކޮށް އިންޓަނެޓުން އެ ބާވަތުގެ ވީޑިއޯތައް ނުބަލާތީ ހާލަތު ނޭނގޭ ކަމަށެވެ.
“އަހަންނަށް ނޭނގުނީ ނުބައި ކަމެއް ހިނގާފައިވާކަން، ސަބަބަކީ އެހެން އާއިލާތަކަށް އިހުތިރާމް ކުރުމުގެ ގޮތުން، އަޅުގަނޑު އެ ބާވަތުގެ ވީޑިއޯތައް އިންޓަނެޓުން، ޔޫޓިއުބުން، ނުވަތަ އެ ބާވަތުގެ އެއްވެސް އެއްޗެއް ނުބަލާތީ، އެހެންވީމަ.” އެކަން ނޭނގުނު، އެއީ އަހަރެންގެ ފިރިމީހާ ކަމަށް ހުކުރު ދުވަހުގެ ހެނދުނު އެފްބީއައި އަންނަންދެން،” ވިލިއަމްސް ބުންޏެވެ.
ވިލިއަމްސް އިތުރަށް ބުނީ އެފްބީއައި އިން އޭނާގެ ގޭގެ ދޮރުގައި ޓަކި ޖަހާފައި އައުމުން ފުރަތަމަ ހީކުރީ އެއީ ސްކޭމެއް ކަމަށެވެ. ” މިތަނުގެ ލޯކަލް ޕޮލިހަށް ގުޅައިގެން އެމީހުން ކަށަވަރުކޮށްދިނީ،” ވިލިއަމްސް ބުންޏެވެ.
ބްރައުންސްވިލްގެ ހޮސްޕިޓަލެއްގައި މިޝެލް ވިލިއަމްސްއަށް ފަރުވާދެމުންދާއިރު، އެރިކް ވިލިއަމްސް އަށް ހޮސްޕިޓަލުން އެނބުރި ސައުތު ކެރޮލައިނާއަށް އެނބުރި ދެވޭނީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެއެވެ.
