ކުލަގަދަ ރަސްމިއްޔާތަކާއެކު ސަވާދީއްތަ ދަތުރު ލަންދޫގައި ފަށައިފި
ރާއްޖޭގެ ސަޤާފީ ދިރިއުޅުމާއި، އާދަކާދަ ޓޫރިސްޓުންނަށް ތަޢާރަފްކޮށްދިނުމުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި އެމްއައިޓީޑީސީން އިންތިޒާމުކޮށްގެން ބާއްވާ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަދު ނ.ލަންދޫގައި ފަށައިފިއެވެ.
ސަވާދީއްތަ ދަތުރު ފެށުމުގެ ރަސްމިއްޔާތަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން ވަނީ މިއަދު ލަންދުއަށް ވަޑައިގެން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މިނިސްޓަރުގެ އިތުރުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދު ވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަވާދިއްތަ ދަތުރު ފެށުމުގެ ގޮތުން ބޭއްވި ފުރަތަމަ އިވެންޓްކަމުގައިވާ ރަސްމީ ޖަލްސާގައި މިނިސްޓަރ ޑރ. މައުސޫމް ވާހަކަފުޅު ދެއްކެވިއެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ ސަވާދީއްތަ ދަތުރުގެ ސަބަބުން ލޯކަލް ޓޫރިޒަމް ފުޅާވެ ރަށްރަށުގެ މެދުގައި ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށެވެ. އައު ޚިދުމަތްތައް ގާއިމްކުރުމާއި ގެސްޓްހައުސްތައް އިތުރުކުރުން ފަދަ ކަންކަން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނޫނަސް ސީޒަނާ ދިމާކޮށް ރަށްރަށަށް ފައިދާވާނެ ގޮތަށް ވިޔަފާރިތައް ފުޅާކުރުމަކީ ކޮންމެ ރަށަކުންވެސް ކުރާ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހަރަކާތުގެ ދަށުން ރާއްޖޭގެ ކޮންމެރަށަކަށް ޓޫރިސްޓުންގެ ޔޮޓްތައް އައިސް މުޅި ބަނދަރުތައް ފުރާލާނެކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މިއަދު ލަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ މި އަހަރުގެ ސަވާދީއްތަ ދަތުރުގައި ޖުމްލަ 14 ޔޮޓް ބައިވެރިވާ އިރު 7 ނެޝަނަލިޓީއަކަށް ރެޖިސްޓަރ ކޮށްފައިވާ ޔޮޓްތައް އެ ދަތުރުގައި ބައިވެރިވާ ކަމަށެވެ. އެ ދަތުރު އަހަރަކަށް ވުރެ އަހަރެއް ފުޅާވެގެން ދިއުމަކީ ކުރައްވާ އުންމީދުކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު ވެސް މި ދަތުރުގެ ތެރެއިން 9 ރަށަށް ދިއުމަށް ހަމަޖެހިފައި ވާއިރު ކޮންމެ ރަށަކުން ވެސް އެ ރަށެއްގެ ސަގާފަތާއި އާދަކާދައާ ގުޅުން ހުރި ކަންކަން ދަތުރުގެ ބައިވެރިންނަށް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ރަށްފުށުގެ ދިިރިއުޅުމާއި ދިވެހިންގެ ދިރިއުޅުމުގެ ސާދާކަމާއި ސަގާފީ ކުލަތައް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މިއީ ހަގީގީ މާނައިގައި ރާއްޖެ ދުނިޔެ އަށް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫންވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ދިރިއުޅުން ފެންނަ ގޮތަށް އިންތިޒާމުކުރާ ސަވާދީއްތަ ފަދަ ހަރަކާތެއްގައި ބައިވެރިވުމަށް ލަންދޫ އަށް އައުމުގެ ފުރުސަތު ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މި ދަތުރުގެ އެހީގައި ލަންދޫ ފަތުރުވެރިކަމަށް ހުޅުވާލެވި އެކަމުން ރަށަށް ފައިދާ ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހާރޫނުގެ އިތުރުން ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވެސް ވަނީ ސަވާދީއްތަ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލަންދޫ އަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ލަންދޫ އަކީ މުއްސަނދި ތާރީހަކާއި ސަގާފަތެއް އޮތް ރަށެއް ކަމުން ރަށަށް ފަތުރުވެރިން އައިސް ރަށާއި ގުޅުން ހުރި ކަންކަން ބުނެދޭން ފުރުސަތު ލިބުމަކީ ރަށަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
އެމްއައިޓީސީން އިންތިޒާމުކޮށްގެން ބާއްވާ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން މާރޗް 1 ވަނަ ދުވަހު (މިއަދު) ލަންދޫގައި ފަށާފައިވާއިރު، މާރޗް 18ގެ ނިޔަލަށް ދެމިގެންދާ މި ދަތުރުގައި 9 ރަށަކަށް ދަތުރުކުރަން ވަނީ ނިންމާފައެވެ. އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިއްޔެވެ.
ސަވާދިއްތަ ދަތުރު ފެށުމުގެ ގޮތުން ލަންދޫގައި ކުރިއަށްދާ ހަރަކާތްތައް ދެ ދުވަހަށް ދިގުދެމިގެންދާއިރު، ދަތުރުގައި ބައިވެރިވާ 13 ޔޮޓް ލަންދޫގައި މިހާރު ބަނދަރުކޮށްފައެވެ. އެޔޮޓްތައް ލަންދޫން ނައްޓާލާނީ ހުކުރުދުވަހުއެވެ.

