ސަވާދީއްތަ ދަތުރު 2 ގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
ސަވާދީއްތަ ދަތުރު 2ގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފިއެވެ. އެގޮތުން އިއްޔެގެ ނިޔަލަށް 2 ޔޮޓެއްވަނީ ލަންދުއަށް އައިސް ލަންދޫގައި ބަނދަރުކޮށްފައެވެ.
މިއަހަރުގެ ސަވާދީއްތަ ދަތުރު މާރޗް 1ގައި ފެށުމަށް ލަންދޫން ދަނީ ތައްޔާރުވަމުންނެވެ. މިއަހަރުގެ ދަތުރު ނ. ލަންދޫއިން ފަށަން ހަމަޖެހިފައިވާއިރު، އެރަށުގެ ސަޤާފީ އާދަކާދައާއި ދިރިއުޅުން ޓޫރިސްޓުން ދައްކާލުމަށް އެކްޓިވިޓީތައް ރާވަމުން އެބަގެންދެއެވެ.
މި ދަތުރު އިންތިޒާމުކުރާ ފަރާތް ކަމަށްވާ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބުނީ ދަތުރުގައި ބައިވެރިވާ އެޑްވާންސް ޓީމްގެ ބައެއް ބައިވެރިވެިރިންވެސް މިހާރު ލަންދުއަށް ގޮސްފައިވާ ކަމަށެވެ.
އެމްއައިޓީޑީސީން މައުލޫމާތުދެއްވާ ގޮތުގައި މިއަދުވެސް އިތުރު 2 ޔޮޓެއް ލަންދޫގައި ބަނދަރުކުރާނެއެވެ. އަދި 28 ވަނަ ދުވަހުގެ މެންދުރު ކުރިން ހުރިހާ ޔޮޓެއް ލަންދޫގައި ބަނދަރުކުރާނެ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

މި ދަތުރު ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމްއައިޓީޑީސީ އެޑްވާންސް ޓީމު ވަނީ، ފެބްރުއަރީ 25 ވަނަ ދުވަހު ލަންދޫގައި ކޭމްޕުކޮށްފައިވާއިރު، ޚާއްސަ ރަސްމިއްޔާތަކާއެކު މާރޗް 1 ވަނަ ދުވަހުގެ ހެނދުނު ސަވާދީއްތަ ދަތުރު ފަށާނެއެވެ.
މާރޗް 18ގެ ނިޔަލަށް ދެމިގެންދާ މި ދަތުރުގައި 9 ރަށަކަށް ދަތުރުކުރަން ވަނީ ނިންމާފައެވެ. އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިިއްޔެވެ.
މިފަހަރުގެ ދަތުރުގައިވެސް ރަށްރަށަށް ގޮސް، ދިވެހިވަންތަ އެތައް ކަމެއް ތަޖުރިބާކުރާނެއެވެ.

