ދީން ދުނިޔަވީ ކާރިސާތަކުން އަހަރެމެން ޖެހޭނީ އިބްރަތް ލިބިގަންނަން: ޚުޠުބާ

ދުނިޔަވީ ކާރިސާތަކުން އަހަރެމެން ޖެހޭނީ އިބްރަތް ލިބިގަންނަން: ޚުޠުބާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތުރުކީ އަދި ސީރިއާ އަށް ބާރުގަދަ ބިންހެލުން ފަދަ ދުނިޔަވީ ކާރިސާތަކުން އަހަރެމެން ޖެހޭނީ އިބްރަތް ލިބިގަންނަން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ދުނިޔެވީ ކާރިސާތަކުން އިބްރަތް ހާސިލްކުރުން” މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ދުނިޔޭގެ ހަޔާތަކީ އިމްތިހާނުގެ ގޯއްޗެއް ކަމަށެވެ.

އަދި މި ހަޔާތުގައި މާތްﷲ ކުރިމަތި ކުރައްވާ ކޮންމެ ކަމަކީ އޭގައި އެކަލާނގެ ދެނެވޮޑިގެންވާ ގިނަގުނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަންތައްތައް ކަމަށާއި އަޅުތަކުންނަށް އޭގެ ހިކުމަތް ނޭނގި ނަމަވެސް ވާ ކަންކަން ކަމުގައި ޚުތުބާގައި ބުންޏެވެ.

އެގޮތުން ތުރުކީ ވިލާތުގެ ދެކުނާއި ސީރިޔާގެ އުތުރުގެ ސަރަހައްދުގެ އަހުލުވެރިން ހޭލައްވާލީ ގަދަފަދަ ބިންހެލުމާއެކުގައި ކަމަށާއި ފާއިތުވި ޤަރުނެއްހާ ދުވަހުގެ ތެރޭގައި ވެސް އެ ސަރަހައްދަށް ނާންނަވަރުގެ ގަދަ ފަދަ ބިންހެލުމަކާއެކުގައި ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެތައް އިމާރާތެއް އެތަންތަނުގައި ނިދާފައި ތިބި އެތައް ހާސް ބަޔަކާއެކު ވެއްޓި ފުނޑުފުނޑުވެގެން ދިޔައީ ކަމަށާއި އިމާރާތްތައް ނަގައި ސާފުކޮށް މަރުވި މީހުންގެ ހަށިތައް ނަގަމުންދާއިރު އެތައް ހާސް އާއިލާތަކެއް ބިކަވެ، ހާލުގައި ޖެހިފައިވާއިރު އެތައް ހާސް ބަޔަކަށް ވަނީ އަނިޔާ ލިބިފައި ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

އަޅުގަނޑުމެން މި ދުނިޔޭގައި ލައްވާފައިވަނީ މިފަދަ ހާދިސާތަކުން އިބްރަތް ލިބިގަނެ، ހަޔާތުގެ ދުވަސްތައް މާތްﷲ އަންގަވާފައިވާ ގޮތަށް ހޭދަކުރުމަށް، ގިނަގުނަ ފުރުސަތުތައް ފަހިކޮށްދެއްވުމަށްފަހުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ޝައިތާނާގެ ފިޔަވަޅުތަކުގެ ފަހަތުން ގޮސް މަގު އޮޅިގެންދާ ހިނދު މިފަދަ ކަންކަން އަހަރުމެންނާ ކުރިމަތި ކުރުވަނީ މާތްﷲ ލައްވާފައިވާ އިންޒާރެއްގެ ގޮތުން ކަމަށާއި ތެދުމަގަށް ރުޖޫއަވުމަށްޓަކައި ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ދުނިޔަވީ މިފަދަ ކާރިސާތަކަކީ ކަނޑައެޅިގެން މާތްﷲ ގެ ކޯފާކަމަށް ބުނެ ބައެއް ފަހަރު މީހުން ވާހަކަ ދެއްކިނަމަވެސް މިފަދަ ކޮންމެ ކާރިސާއަކީ ކޯފާއެއް ކަމަށް ކަނޑަނޭޅޭނެކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި ދުނިޔޭގެ ހަޔާތާއި މަރަކީ ވެސް އިމްތިހާނެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޓެގް

ޚުޠުބާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.